ޝުކުރުވެރިވާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގައި އެއްބުރުން ހޮވަންޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް ނ. ކުޑަފަރީއަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސް ސޯލިހަށް ހަގީގަތުގައި ފަސް އަހަރު ވެރިކަން ކުރަން ނުލިބުނު ކަމަށާއި، ކޮވިޑްގެ ސަބަބުން އެމަނިކުފާނަށް ވެރިކަން ކުރުމަށް ލިބުނީ ތިން އަހަރު ކަމަށެވެ.
ކޮވިޑްގެ ދެ އަހަރު ނެގުމަށްފަހު، ތިން އަހަރުގެ ތެރޭގައި މި ސަރުކާރުން ގެނެސްދީފައިވާ ތަރައްގީއާމެދު ދުނިޔޭގެ ލީޑަރުންވެސް ތައުރީފް ކުރާ ކަމަށާއި އަދި ރާއްޖެއިން ކޮވިޑާ ދެކޮޅަށް މަސައްކަތްކުރިގޮތް ހޯދުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން މަސައްކަތް ކުރިކަމަށް ސިޔާމް ވިދާޅުވިއެވެ.
"އެކި ގައުމުތަކުން ދުބާއީން، އިންޑިއާއިން، ސީޝެލްސްއިން، މޮރިޝަސްއިން އަދި އިނގިރޭސިވިލާތުން، އެމެރިކާއިންވެސް އައިސްފަ ބުނަނީ، ކޮބައިތޯ ކަލޭމެންގެ އިއްޒަތްތެރި ރައީސްގެ ސީކްރެޓް ރެސަޕީއަކީ ކޮބައިތޯ. ކިޔައިދީފާނަންތޯ ކޮވިޑުން ސަލާމަތްވި ގޮތް." ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރައިސް ސޯލިހްފަދަ ހިކުމަތްތެރި، އިލްމީ، ގާބިލު، ވިސްނުންތެރި ބޭފުޅެއް ރިޔާސީ ކެންޑިޑޭޓަކަށް ލިބުމަކީ މާތްﷲ ދެއްވި ނިއުމަތެއް ކަމަށެވެ.
އެހެންކަމުން ދިވެހިންނަކީ ޝުކުރުވެރިވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ޝުކުރުވެރިވުމަށް ވިސްނަން ޖެހޭ ކަމަށާއި ޝުކުރުވެރިވުމަކީ ރައީސް ސޯލިހް އެއްބުރުން ރިޔާސީ އިންތިހާބުގައި ހޮވުން ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން ވިސްނަންއެބަޖެހޭ ޝުކުރުވެރިވާން. ޝުކުރުވެރިވުމަކީ ކޮބައިތޯ؟ ތިބޭފުޅުންނަށް އެނގޭތޯ ޝުކުރުވެރިވުމަކީ ކޮބައިކަން. [އެއީ] އިބްރާހިމް މުހައްމަދު ސޯލިހް އެއްބުރުން ހޮވުން." ސިޔާމް ވިދާޅުވިއެވެ.
ރައީސް ސޯލިހް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި އެމްޑީއޭގެ ލީޑަރު ސިޔާމް އަދި އެ ޕާޓީގެ ލީޑާޝިޕްގެ ފަރާތްތަކުން ބައިވެރިވަމުން އަންނައިރު އެމްޑީއޭއަކީ މި އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީއެކެވެ. މި އިންތިހާބަށް ރައީސް ސޯލިހާއެކު ދެން ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީންނެވެ.