ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، ނ. މާޅެންދޫއާއި، ކުޑަފަރީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވައިފިއެވެ.
ރައީސް ސޯލިހް ކެމްޕޭނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާޅެންދޫ އަދި ކުޑަފަރީއަށް ވަޑައިގެންފައިވާއިރު އެމަނިކުފާނު ވަނީ ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، ކުޑަފަރީ ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފައެވެ.
ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ ހަވާލުކޮށްގެންނެވެ. މިގޮތުން މިމަޝްރޫއުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން ކުޑަފަރީ، ފުޓުބޯޅަ ދަނޑުގައި ޓަރފްއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާއިރު، މިދަނޑުގެ މަސައްކަތްކޮށްފައި ވަނީ ވީ.އޭ.އެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެންނެވެ.
މީގެއިތުރުން މާޅެންދޫ ފެނާ ނަރުދަމާގެ ނިޒާމްވެސް ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ. މާޅެންދޫ ފެނާ ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޑަބްލިޔުއެސްސީއެންނެވެ. އެ މަޝްރޫއުގެ މަސައްކަތްވެސް ނިންމައި މިހާރު އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.