Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޒަމީލްގެ ވައުދެއް: ގޭގައި މަޑުކުރާ ބެލެނިވެރިއަކަށް 20،000ރ.

ކެންޑީޑޭޓު ހަސަން ޒަމީލް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވަނީ / ފޮޓޯ: އިލެކްޝަންސް

ދަރިން ބަލަން ގޭގައި މަޑު ކުރާ ބެލެނިވެރިއަކަށް މަދުވެގެން 20،000ރ. ދޭނެ އޭނާގެ ވެރިކަމެއްގައި ދޭނެ ކަމަށް، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ މިނިވަން ކެންޑިޑޭޓް ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

މި އިންތިޙާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން، ޒަމީލް މަޝްހޫރުވެގެން ގޮސްފައިވަނީ އޭނާގެ އަނބިކަނބަލުން ރަނިންގް މޭޓެއްގެ ގޮތުގައި ނަންގަވައިގެން ނިކުންނެވި ކެންޑިޑޭޓުގެ ގޮތުގައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ އާންމުކުރި ވީޑިއޯއެއްގައި އޭނާގެ ވެރިކަމެއްގައި ބިދޭސީންގެ މައްސަލަ ހައްލު ކުރައްވަން ގަސްތު ކުރައްވާ ގޮތް ހާމަ ކުރައްވާފައެވެ.

މިގޮތުން ރާއްޖޭގެ އާބާދީ އިތުރުވުން މަޑުޖެހި، ޤައުމުގައި ބިދޭސީން ނުރައްކާވާ މިންވަރަށް އިތުރުވެފައިވާ މައްސަލައަށް އަލިއަޅުވާލައި އޭނާ ވިދާޅުވީ، މިކަމަށް ހައްލެއް ގެންނަން ރަނގަޅު ސިޔާސަތުތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ. އެގޮތުން ވަޢުދެއްގެ ގޮތުގައި ފުރަތަމަ އިއުލާން ކުރެއްވީ ގޭގައި މަޑުކޮށްގެން ދަރިން ބަލާ ބެލެނިވެރިންނަށް މަދުވެގެން 20،000ރ. ދިނުމަށް ނިންމާފައިވާ ކަމަށެވެ.

" ކުރިއަށް އޮތް 5 އަހަރަށް ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އަޅުގަނޑާއި ހަވާލުކޮށްފި ނަމަ، ދަރިން ބެލުމާއި ގޭތެރޭގެ ކަންތައްތައް ކުރުމަށް ގޭގައި ހުންނަ ބެލެނިވެރިއަކަށް، ﷲ އިރާދަފުޅާއެކު 20،000ރ. އަށް ވުރެ ކުޑަ ނޫން މުސާރައެއް ލިބޭނެ ގޮތް ހަމަޖައްސައި ދޭނަން " ދެވަނަ ނަންބަރު ކެނޑިޑޭޓޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އާބާދީ އިތުރު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުން ވަރަށް ބޮޑަށް ވަނީ ލަސްވެފައެވެ. އަދި މިހާރު މިމަސައްކަތް ފަށައިފިނަމަ ދިވެހީންގެ އާބާދީ އިތުރު ކުރެވި، ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ އިންސާނީ ވަސީލަތް އުފެއްދިދާނެ ކަމަށް ފެންނަ ކަމަށް ވިދާޅުވިއެވެ.

ޒަމީލް ކެމްޕެއިން މަސައްކަތް ފެއްޓެވިއިރު، ރަށްރަށަށް ޒިޔާރަތްކޮށް ކެމްޕެއިން ކުރުމަކީ އޭނާއަށް މިވަގުތު ކުޅަދާނަ ކަމަކަށް ނުވާތީވެ، ކެމްޕެއިންގެ ބޮޑުބައި ކުރިއަށް ގެންދާނީ އޮންލައިކޮށް ސޯޝަލް މީޑިއާގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.