މިދިޔަ ޖުލައި މަހު ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.53 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހިމަނައިގެން ޖުމްލަ ލިބިފައިވަނީ 3.53 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ޑޮލަރު އާމްދަނީގެ ގޮތުގައި 104.57 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު 32.5 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ.
އާމްދަނީ އިތުރުވި ސަބަބުތަކެއްގެ ގޮތުގައި މީރާއިން ފާހަގަކުރީ، ޢީދު ބަނދު އައުމުގެ ސަބަބުން ޖުލައި މަހަށް ގިނަ ޓެކްސްތަކެއްގެ ޑެޑްލައިން ބަދަލު ކުރެވުމާއެކު ކަމަށެވެ. މީގެ އިތުރުން 3 ވަނަ ކުއާޓާގެ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިމު ކުލިވެސް ޖުލައި މަހަށް މުއްދަތު އިތުރުވެގެން ދިޔަކަމަށެވެ. މީގެ އިތުރުން ޖޫން މަހާއި އަޅައި ބަލާއިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް މީރާއިން ވަނީ ފާހަގަކޮށްފައެވެ.
ޓެކްސް އާމްދަނީގެ ގޮތުގައި މިދިޔަ ޖުލައި މަހު ލިބިފައިވަނީ 3.2 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު ޓެކްސް އާމްދަނީ އަކީ 1.9 ބިލިއަން ރުފިޔާއެވެ. މިއާއެކު ޖުލައި މަހުގެ ޖުމްލަ އާމްދަނީގެ 91.2 އިންސައްތަ މިދިޔަ ޖުލައި މަހުގެ ޓެކްސް އާމްދަނީ ވަނީ ހިއްސާކޮށްފައެވެ.
މިދިޔަ ޖުލައި މަހު އިންކަމް ޓެކްސް ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިރާގެ ތަފާސް ހިސާބުތައް ދައްކައެވެ.
މިދިޔަ ޖުލައި މަހު ޓެކްސް ނޫން އަމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު ވަނީ ދަށްވެފައެވެ. އެގޮތުން މި ޖުލައި މަހު ޓެކްސް ނޫން އަމްދަނީގެ ގޮތުގައި ލިބިފައިވަނީ 310.9 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ޖުލައި މަހު ލިބިފައިވަނީ 667 މިލިއަން ރުފިޔާއެވެ.
ޓެކްސް ނޫން އަމްދަނީގެ ތެރެއިން އެންމެ ގިނައިން ލިބިފައިވަނީ އެއާޕޯޓު ޑިވެލޮޕްމެންޓް ފީއެވެ. އެގޮތުން 61 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިރާ ތަފާސް ހިސާބުތައް ދައްކައެވެ. މީގެ އިތުރުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިމު ކުލީގެ ގޮތުގައި ޖުލައި މަހު 155 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.