ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ އަށް މި ސަރުކާރަށް ވެސް އިންސާފު ހޯދައި ދެވިފައި ނުވާތީ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ޑިމޮކްރެޓްސްގެ ސަރުކާރެއްގައި އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ރިލްވާނު ގެއްލުނުތާ ނުވަ އަހަރުވެފައިވާ އިރު، އެ މައްސަލަ އަށް މިހާތަނަށް އިންސާފު ހޯދައި ދެވިފައި ނުވާ ކަމަށް ބުނެ ޑިމޮކްރެޓްސް މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވާ އިރު ވެސް އެކަން ނުވެ އޮތީ ސަރުކާރުގެ ނާގާބިލުކަމުން ކަމަށެވެ.
އެ ޕާޓީން ބުނި ގޮތުގައި ރިލްވާނާއި ޔާމީން ރަޝީދާއި އަދި ރާއްޖޭގައި ހިނގާފައިވާ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވައިލި މީސްމީހުންނަށް ވީ ގޮތް ހެދުމަކީ ޑިމޮކްރެޓްސް އިން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެކެވެ.
"އެ ތަހުގީގުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ދަ ޑިމޮކްރެޓްސް ނުހަނު ބޮޑު އިސްކަމެއް ދީގެން ހިންގާނެ މަސައްކަތެއް." ޑިމޮރްކެޓްސް އިން ބުންޏެވެ.
އެ ޕާޓީން ބުނި ގޮތުގައި މިފަދަ މައްސަލަތައް ބަލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2018 ގައި އުފެއްދި މަރުގެ ކޮމިޝަނަށް ވެސް އެފަދަ އެއްވެސް މައްސަލައެއް ފުރިހަމަ އަށް ތަހުގީގުކޮށް އިންސާފާ ހަމައަށް ގެނެސްދެވިފައެއް ނުވެ އެވެ.
"އަހުމަދު ރިލްވާން ގަދަކަމުން ގެއްލުވައިލިތާ ނުވަ އަހަރު ފުރުނު އިރު ވެސް އިންސާފަށް ސަލާން ޖަހަން މަޖުބޫރުކޮށްފައިވާ އޭނަފެ އާއިލާ އާއި އެކުވެރިންގެ ކަންބޮޑުވުމާއި ހިތާމައިގައި މި ޕާޓީން ބައިވެރިވަން." ޑިމޮކްރެޓްސް އިން ބުންޏެވެ.