Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"ދޫމް 4" ހަދާނެކަމުގެ އިޝާރާތެއް އަދި ނުލިބޭ

ބޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) "ދޫމް" ގެ ހަތަރު ވަނަ ބައި ހަދާނެކަމުގެ އިޝާރާތެއް އަދި ރަސްމީކޮށް ނުލިބޭ ކަމަށް އޭގައި މުހިއްމު ރޯލެއް ކުޅެމުން އަންނަ އެކްޓަރު އަބީޝެކް ބައްޗަން ބުނެފި އެވެ.

މި މަހުގެ 18 ގައި ރިލީޒްކުރާ އޭނަގެ އާ ފިލްމު "ގޫމަރު" ގެ ޕްރޮމޯޝަންގެ ތެރެއިން އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި މަޝްހޫރު ބަތަލާ އައިޝްވާރިއާގެ ފިރިމީހާ ބުނީ "ދޫމް 4" ހަދާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށެވެ.

"އެކަމަކު ހަތަރު ވަނަ ބަައި ހަދާނެކަމުގެ އެއްވެސް އިޝާރާތެއް އަދި ރަސްމީކޮށް ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ފަރާތަކުން ނުލިބޭ. އަހަންނަށް ޔަގީން އެ ހަދާ ކަމަށް ވަންޏާ އޭނަ އަހަރެމެން ގާތު އެ ވާހަކަ އޭނަ ހިއްސާކުރާނެ،" އަބީޝެކް ބުންޏެވެ. "އެކަމަކު އަދި މިހާތަނަށް އެފަދަ އިޝާރާތެއް ނާދޭ. އެހެން ނަމަވެސް އަހަރެން ޔަގީންކުރަނީ ދޫމް ހަތަރެއް ހަދާނެ ކަމަށް."

މީގެ ވާހަކަ ދެކެވެމުން އަންނަނީ 2016 އިން ފެށިގެންނެވެ. އެގޮތުން އެކި ފަހަރު މަތު ފިލްމުގެ އެންމެ ވަރުގަދަ އަދި އެންމެ ހާއްސަ ރޯލު ކަމަށްވާ ވިލަންގެ ރޯލު "ދޫމް 4" ގައި ކުޅޭނެ އެކްޓަރަކާ ބެހޭ ވަރަށް ގިނަ ވާހަކަތައް މީޑިއާތަކުގައި މިހާތަނަށް ދެކެވިފައިވެ އެވެ.

އެގޮތުން އަކްޝޭ ކުމާރު، ޝާހްރުކް ޚާން، ޕްރަބާސް، އަމީތާބް ބައްޗަން އަދި މުޅިން އަލަށް އަންހެން ވިލަންއެއްގެ ގޮތުގައި ދީޕިކާ ޕަދްކޯން "ދޫމް 4" އަށް ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވިފައިވެ.

"ދޫމް" ގެނެސްދިނީ 2004 ގަ އެވެ. އޭގެ ވިލަން އަކީ ޖޯން އަބްރަހަމެވެ. ރިތިކް ރޯޝަން ވިލަންގެ ރޯލު ކުޅުނު "ދޫމް 2" ގެނެސްދިނީ 2006 ގަ އެވެ. އޭގެ ފަހުން އާމިރު ޚާންގެ ޑަބަލް ރޯލަކާ އެކީ "ދޫމް 3" ގެނެސްދިނީ 2013 ގަ އެވެ.

މިއިން ކޮންމެ ފިލްމެއްގައި ވިލަން އާއި ބަތަލާއިން ބަދަލުވި ނަމަވެސް "ދޫމް" ގެ ތިން ފިލްމުގައި ވެސް އަބީޝެކާއި އަދިތިޔާގެ ކޮއްކޮ އުދޭ ޗޯޕްޅާ ހިމެނެ އެވެ. އެ ދެ މީހުން ކުޅެނީ ވަގު އަތުލައި ގަންނަން މަސައްކަތްކުރާ ފުލުހުންގެ ރޯލެވެ.

"ދޫމް" ގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކުރީ ސަންޖޭ ގަދުވީ އެވެ. އަދި "ދޫމް 3" ޑައިރެކްޓްކުރި ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) އެވެ.