Last Updated: July 15, 17:55
Wednesday, July 15, 2026
ކުޅިވަރު

އަލް ނަސްރާއެކު ރޮނާލްޑޯ ފުރަތަމަ ތަށި ހޯދައިފި

އަލް ހިލާލް 2-1 އިން ބަލިކޮށް އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގެ ޗެމްޕިއަންކަން އަލް ނަސްރުން ހޯދައިފި އެވެ.

ކިންގް ފަހްދު ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އަލް ހިލާލުންނެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓްގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މައިކަލް އެވެ. ނަމަވެސް މެޗުގެ 74 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އަލް ނަސްރަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 90 މިނެޓް ހަމަވެގެން އިތުރު ވަގުތުގެ ދެ ހާފް އަލް ނަސްރުން ކުޅުނީ 9 ކުޅުންތެރިންނާއެކު އެވެ. އެއީ އެޓީމުގެ އަލް އަމްރީ އަދި ނަވާފް ބޫސަލް އަށް ދެއްކި ރަތްކާޑުތަކާ ގުޅިގެންނެވެ. މި މެޗުން އަލް ނަސްރު މޮޅުވި ގޯލު 15 މިނެޓްގެ ފުރަތަމަ ހާފް ފެށިގެން އަށްވަނަ މިނެޓްތެރޭ ކާމިޔާބުކޮށްދިނީ ވެސް ރޮނާލްޑޯ އެވެ. ރޮނާލްޑޯ މި ގޯލު ކާމިޔާބު ކުރީ އަލް ހިލާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަގާމު ވެސް ލިބުނީ ރޮނާލްޑޯ އަށް ކަމަށްވާއިރު މިއީ އެ ކްލަބާއެކު އޭނާ ހޯދި ފުރަތަމަ ތަށްޓެވެ.

މި މުބާރާތުގައި ސައުދީގެ އިތުރުން ގަތަރާއި ޔޫއޭއީ އަދި އިރާގާއި މޮރޮކޯ އާއި ޓިއުނީޝިއާގެ އިތުރުން އަލްޖީރިއާގެ އެންމެ މޮޅެތި ކްލަބުތައް ވާދަކޮށްފައިވެ އެވެ.