ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ގެންނަން ސައުދީ ޕްރޯ ލީގުގެ ކްލަބެއް ކަމަށްވާ އަލް ހިލާލް އިން މަސައްކަތް ފަށައިފި އެވެ.
ނޭމާ ،31، ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި ދެ އަހަރު އޮތްއިރު މި ޓްރާންސްފާ މާކެޓުގައި އެ ކްލަބް ދޫކޮށްލަން ނޭމާ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ފްރެންޗް ލީގުގެ ފުރަތަމަ މެޗުގައި ރޭ ލޮރިއެންޓާއި ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗަށް ނެގި ސްކޮޑުގައި ވެސް ނޭމާ ހިމަނާފައެއް ނުވެ އެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ރިޕޯޓުތައް ބުނާގޮތުން ނޭމާ ގެންނަން އަލް ހިލާލް އިން ޕީއެސްޖީ އަށް ހުށަހަޅާފައިވަނީ ބޮޑު ހުށަހެޅުމެކެވެ. އެ ހުށަހެޅުމުގެ ސީދާ އަދަދެއް އަދި ހާމަކޮށްފައި ނުވާއިރު ޕީއެސްޖީ ދޫކޮށް އަލް ހިލާލަށް ބަދަލުވުމުގެ ވިސްނުން ނޭމާ ގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސައުދީ އަށް ބަދަލުވުމާ މެދު ނޭމާ ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވޭއިރު ނޭމާގެ އިތުރުން ޕީއެސްޖީގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ ގެންނަން ވެސް ސައުދީ ކްލަބަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބާސެލޯނާ ދޫކޮށް 2017 ގައި ޕީއެސްޖީއާ ގުޅުނު ނޭމާ ވަނީ އެ ކްލަބަށް ކުޅެދިން 173 މެޗުގައި 118 ގޯލު ކާމިޔާބުކޮށްދީފަ އެވެ. ނޭމާ ވަނީ މިހާތަނަށް ޕީއެސްޖީއާއެކު ފްރެންޗް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ނޭމާ ޕީއެސްޖީ ދޫކޮށްލަން ތައްޔާރުވަމުން އަންނައިރު ޕީއެސްޖީން ވަނީ ބާސާ އަށް ކުޅެމުން އައި އޮސްމާނޭ ޑެމްބެލޭ ގެނެސްފަ އެވެ.