ރާއްޖެ އަށް މިހާރު ބޭރުގެ 41 އެއާލައިނެއް އޮޕަރޭޓްކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖެ އަށް އޮޕަރޭޓްކުރާ އެއާލައިންތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި އަދި އެންމެ މަޝްހޫރު އެއާލައިންތައް ވެސް ހިމެނެ އެވެ. ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައި އޮންނާތީ ބޭރުގެ އެއާލައިންތަކުން ރާއްޖެ އަށް ދަތުރުތައް ކުރުމަކީ އަބަދު ވެސް ވަރަށް މުހިއްމު ކަމެކެވެ.
އެގޮތުން މިހާރު ރާއްޖެ އަށް ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުން ދަތުރުތައް ބާއްވަ އެވެ. އޭގެ ތެރޭގައި މައިގަނޑު ހުރިހާ ބައްރަކަށް ނިސްބަތްވާ އެއާލައިންތައް ހިމެނެ އެވެ.

ކޮވިޑާ ދިމާކޮށް މީގެ ހަތަރު އަހަރު ކުރިން ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައުމާ ގުޅިގެން، ރާއްޖޭގެ ބޯޑަރު އެއްކޮށް ބަންދުކުރެވުނެވެ. ނަމަވެސް ފަހުން 2021 ގެ ތެރޭގައި ބޯޑަރު ހުޅުވި ފަހުން މަޑުމަޑުން ރާއްޖެ އަށް ދަތުރުތައް ކުރާ އެއާލައިންތައް އަންނަނީ އިތުރުވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ޓޫރިޒަމް ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާ އިރު، މި މަހުގެ 9 އާ ހަމައަށް ރާއްޖެ އަށް ޖުމްލަ 1،124،932 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ރާއްޖޭގެ މިހާރު ޓޮޕް 10 މާކެޓްގައި ހިމެނެނީ ރަޝިއާ، އިންޑިއާ، ޗައިނާ، އިނގިރޭސިވިލާތް، ޖަރުމަން، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑް އަދި ސްޕެއިނެވެ.