Last Updated: July 18, 13:50
Saturday, July 18, 2026
މުނިފޫހިފިލުވުން

މޭގަން އެނބުރި އެކްޓިން އަށް!

ޕްރިންސް ހެރީގެ އަނބިކަނބަކުން އަދި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލް އަލުން އެކްޓިން އަށް ނުކުންނަވަން އުޅުއްވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ 2018 ގައި ހެރީއާ ކައިވެނި ބައްލަވައިގެން މިހާރު ދެ ބޭފުޅުން ވެސް ތިއްބެވި މޭގަން އަލުން އެކްޓިން ދަތުރަށް ނުކުމެވަޑައިގެންނެވުމުގެ ގޮތުން ހޮލީވުޑްގެ މަޝްހޫރު ޓެލެންޓް އެޖެންސީއެއް ކަމަށްވާ ވިލިއަމް މޮރިސް އެންޑީވާ (ޑަބްލިއުއެމްއީ) އާ އެކީ އެއްބަސްވުމެއް ވެސް ހަދާފައިވާ އެވެ. އެ އެޖެންސީން މެނޭޖްކޮށްދޭ މަޝްހޫރު ތަރިންގެ ތެރޭގައި ބެން އެފްލެކާއި މެޓް ޑޭމަން އާއި ކްރިސްޓިއަން ބޭލް، ކޭޓް ބެކިންސޭލް އަދި ޖެސިލާ އަލްބާ ފަދަ ތަރިން ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރިއެކޭ އެއްގޮތަށް ޕްރޮފެޝަނަލްކޮށް، އެކްޓިން އަށް ނުކުުންނަވަން މޭގަން ނިންމެވީ އެކަމަށް ހެރީ ވެސް ވަރަށް ބޮޑަށް ހިތްވަރު ދެއްވައި، އެކަމަށް ސަޕޯޓްކުރައްވާތީ އެވެ.

އިނގިރޭސިވިލާތުގެ މިހާރުގެ ރަސްގެފާނު ޗާލްސްގެ ހަގު ދަރިކަލުން ހެރީ، 38، އާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން މޭގަން، 42، އަކީ ހޮލީވުޑްގެ ބަތަލާއެކެވެ. އެގޮތުން އޭނަގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 2011-2018 އަށް ގެނެސްދިން ޓީވީ ސިލްސިލާ "ސޫޓްސް" އެވެ.

ވަރަށް ގިނަ ޓީވީ އުފެއްދުންތަކުގައި މަސައްކަތްކުރައްވާފައިވާ މޭގަން ކުޅުއްފައިވާ ފިލްމުތަކުގެ ތެރޭގައި 2011 ގެ "ހޮރިބަލް ބޮސެސް" އަދި 2015 ގެ "އެންޓި-ސޯޝަލް" ހިމެނެ އެވެ.

ޝާހީ އާއިލާގެ ޒިންމާތައް ދޫކޮށްލައްވައި 2020 އިން ފެށިގެން ހެރީ އާއި މޭގަން ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގަ އެވެ. އެ ބޭފުޅުންގެ ޑޮކިއުމަންޓަރީ ސީރީޒެއް މިދިޔަ އަހަރު ނެޓްފްލިކްސް އިން "ހެރީ އެންޑް މޭގަން" ގެ ނަމުގައި ގެނެސްދީފައިވެ އެވެ.