Last Updated: April 29, 20:04
Monday, April 29, 2024
މުނިފޫހިފިލުވުން

ބިލީ ތިން ވަނަ އަލްބަމެއް ގެނެސްދެނީ

އެމެރިކާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ބިލީ އީލީޝް އާ އަލްބަމެއްގެ މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އޭނަ މިކަން ކަށަވަރުކޮށް ދިނި އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި ފޭނަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ. އެގޮތުން ތިން ވަނަ އަލްބަމަކަށް މަސައަތް ކުރަމުން އަންނަކަން ޔަގީންކޮށް ދިން ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

އުމުރުން އަދި 21 އަހަރުގެ ލަވަކިޔުންތެރިޔާގެ އެންމެ ފަހުގެ އަލްބަމަކީ 2021 ގެ "ހެޕީއާ ދެން އެވާ" އެވެ. ބިލީގެ ފުރަތަމަ އަލްބަމަކީ 2019 ގެ "ވެން ވީ އޯލް ފޯލް އެސުލީޕް، ވެއާ ޑޫ ވީ ގޯ؟" އެވެ. އޭނަ އަށް އާންމުންގެ ސަމާލުކަން ލިބުނީ 2015 ގެ ލަވަ "އޯޝަސް އައިސް" އިންނެވެ.

ބިލީ އަކީ މިހާތަނަށް ހަތް ގްރެމީ އެވޯޑާއި އޮސްކާ އާއި ގޯލްޑެން ގްލޯބް ފަދަ އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ފަންނާނެނެވެ. އެންމެ ފަހުން ނެރުނު ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމު 2021 ގެ "ނޯ ޓައިމް ޓު ޑައި" ގެ ތީމް ލަވަ ވެސް ކިޔާފަި ވަނީ ބިލީ އެވެ.

އާންމުންގެ މެދުގައި މިހާރު ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފިލްމު "ބާބީ" ގައި ވެސް ބިލީގެ ލަވައެއް ހިމެނެ އެވެ. އެއީ "ވަޓް ވޯޒް އައި މޭޑް ފޯ؟" އެވެ.