ފަތުރުވެރިކަމުގެ ދާއިރާއަށް ސްކޫލް ކުދިން ޝައުޤުވެރިކުރުމަށް ހިނގާ ހާއްސަ ޕްރޮގްރާމުގެ ތެރެއިން ހުޅުމާލޭ ޢާޒީ ސްކޫލާއި، ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ބޭއްވި ސެޝަންތަކުގައި 231 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުދިން ޝައުޤުވެރިކުރުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ސާނަވީ ތަޢުލީމު ހާސިލް ކުރާ ބެލެނިވެރިންނަށާއި ދަރިވަރުންނަށް، އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ހިންގުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން، މިއަދު ވަނީ ދެ ސެޝަނެއް ބާއްވާފައެވެ. އެގޮތުން ހެނދުނު 7:00 ޖެހިއިރު ހުޅުމާލޭ ޢާޒީ ސްކޫލުގައި ސެޝަނެއް ބޭއްވިއިރު، އޭގެ ފަހުން 11:00 ޖެހިއުރު ދަރުމަވަންތަ ސްކޫލުގައި ވަނީ ސެޝަނެއް ބާއްވާފައެވެ.
މިފަދަ ސެޝަންތަކަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހިންގެ އަދަދު އިތުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ކުރިއަށް ގެންދާ ސެޝަންތަކެކެވެ. އެގޮތުން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނާއި ނިމިފައިވާ އައު ޒުވާނުން ފަތުރުވެރިކަމުގެ ސިނާޢަތާއި ބެހޭ، މައުލޫމާތާއި ކެރިއަރ ނުވަތަ ވަޒީފާ ހިޔާރުކުރުމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރި ވަޒީފާތަކަށް ބޭނުންވާ ހުނަރާއި އަދި ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމުތަކުގައި ބައިވެރިވެވޭނެ ގޮތް ކިޔައިދޭނެއެވެ.
މީގެ އިތުރުން ބެލެނިވެރިންނާ މުދައްރިސުންނަށް ސިނާޢަތުގައި ހުރި ފުރުސަތުތައް ބުނެދީ، ޒުވާނުން މިދާއިރާއަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން މައުލޫމާތު ސެޝަންތަކުގެ ތެރެއިން އެ ފަރާތްތަކަށް މައުލޫމާތު ދެވެއެވެ.
ޓުއަރިޒަމް މިނިސްޓްރީން ވަނީ މާލޭ ސަރަހައްދުގެ ދެ ސްކޫލެއްގައި މިއަދު ގެންދެވުނު ޕްރޮގްރާމަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަން ފާހަގަކޮށްފައެވެ.