Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޔާމީންގެ ޖަލު ހުކުމް ފަސްކުރެވެން ނެތް ކަމަށް ކަނޑައަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން-

ވ. އާރަށު މައްސަލާގައި ރައީސް ޔާމީނަށް އިއްވާފައިވާ ޖޫރިމަނާ ހުކުމް ފަސް ކުރުމަށް އެމަނިކުފާނުގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން ޖަލު ހުކުމް ފަސްކޮށް ނުދެވޭނެ ކަމަށް ހައިކޯޓުން ނިންމައިިފިއެވެ.

ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ އެމަނިކުފާނުގެ ފަރާތުން މިވަގުތު ވ. އާރަށުގެ މައްސަލާގައި ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލަ ދިގުދެމިންގެންދާތީ އެ ހުކުމް ތަންފީޒު ކުރުމަށާއި، އެ މައްސަލައިގެ ޖޫރިމައިނާގެ ގޮތުގައި 5 މިލިއަން ޑޮލަރު ދެއްކުމަށް ކޮށްފައިވާ އަމުރާއި ގުޅޭގޮތުންނެވެ.

ހައި ކޯޓުގެ ނިންމުމުގައި ވ. އާރަށު މައްސަލާގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަނގާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް 11 އަހަރުގެ ޖަލު އަދަބު ފަސްކުރަން އަމުރު ކުރެވެން ނެތް ކަމަށް މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ސަބަބެއްގެ ގޮތުގައި ހައިކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވަނީ ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް ފަސް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައި ވުމެވެ. އަދި އެފަދަ ގާނޫނީ ހަމައެއް ނެތީސް، އެފަދަ އަމުރެއް ނެރެފި ނަމަ އޭގެ ނަތީޖާއަކަށް ވާނީ އިޖްރައާތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް އެ ހައިކޯޓުގެ ނިންމުމުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޖޫރިމަނާ ފަސް ކުރުމުގެ ބަހުސްގައި ދައުލަތުން މައްސަލަ ހުށަހެޅި ފަރާތުގެ އެއްވެސް ވާޤިއާއަކަށް ޖަވާބު ނުދޭކަން ފާހަގަކޮށް ހައިކޯޓުން ބުނީ، ދައުލަތުން މުޅި ވަކާލާތު ކޮށްފައިވަނީ ހުކުމް ތަންފީޒު ކުރުން ފަސް ނުކުރެވޭނެ ކަމާއި ގުޅޭގޮތުން ކަމަށްވެސް ފަނޑިޔާރުންގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

ވ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފައިވާއިރު އެ ދެއްކުމަށް 6 މަސް ދުވަހުގެ މުއްދަތެއް ދިނެވެ. ނަމަވެސް އެ މުއްދަތުގައި ނުދެއްކުމުގެ އެ މައްސަލަ އެޓާނީ ޖެނެރަލް އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.