އިންޓަޕޯލްގް ސެކެރެޓަރީ ޖެނެރަލް، ދިވެހި ރާއްޖެއަށް ރަސްމީ ޒިޔާރަތެއްކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ބައްދަލު ކުރައްވައިފިއެވެ.
ފުލުހުންގެ ބައިނަލްއަޤްވާމީ ގުޅިފައިވާ ޖަމާޢަތް ކަމަށްވާ އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ޔޯރގަން ސްޓޮކް ރާއްޖެ ވަޑައިގެންފައި ވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މި ޒިޔާރަތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާއި އިންޓަޕޯލްގެ ނެޝަނަލް ސެންޓްރަލް ބިއުރޯ މާލެ އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް މެނޭޖްމަންޓާ ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދިވެހި ފުލުހުންނާއި އިންޓަޕޯލް ގުޅިގެން ކުރެވިދާނެ ބައެއް ކަންކަމާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި މިހާރުވެސް އޮތް ގުޅުން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.
އޭގެ އިތުރުން އޮގަސްޓް 10 ވަނަ ދުވަހު، އިންޓަޕޯލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޓަޕޯލްގެ ބެނާ ކަނޑުއަޑީގައި ދަމައިލުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެލެއްވިއެވެ. މި ހަރަކާތުގައި ތަންފީޒީ އިދާރާގެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އިންޓަޕޯލަކީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ފުލުހުންގެ ޖަމިއްޔާއެވެ. އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ޖުމުލަ 194 ގައުމެއްގެ ފުލުހުންގެ އިދާރާ ބައިވެރިވެ އެވެ. އަދި އިންޓަޕޯލްގެ 194 ސެންޓްރަލް ބިއުރޯގެ ޑޭޓާބޭސްތައް ހުންނާނީ އެއް ވިއުގައަކުން ގުޅާލެވިފަ އެވެ.