Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

އަނީސްގެ ފިލްމުން ޝާހިދު ވަކިވެއްޖެ

މި މަހުގެ ތެރޭގައި ޝޫޓިން ފަށާ ގޮތަށް ޕްލޭންކޮށްފައި އޮތް ޑައިރެކްޓަރު އަނީސް ބަޒްމީގެ އެކްޝަން ކޮމެޑީ "ޑަބަލް ޓްރަބަލް" އިން އޭގެ ލީޑް އެކްޓަރު ޝާހިދު ކަޕޫރް ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޝާހިދު ފިލްމު ދޫކޮށްލީ ޑައިރެކްޓަރާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި އެއްގަލަކަށް ނޭރިގެން ކަމަށެވެ. އޭނަ ޑަބަލް ރޯލެއް ކުޅޭ ގޮތަށް އޮތް "ޑަބަލް ޓްރަބަލް" އަކީ އަނީސްއާ އެކީ މަސައްކަތްކުރަން ސޮއިކުރި ފުރަތަމަ ފިލްމެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ޝާހިދު ފިލްމުން ވަކިވުމާ ގުޅިގެން މިހާރު އެއަށް އާ އެކްޓަރަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކްޓަރަކު ފައިނަލްވުމާ އެކީ ޝޫޓިން ފަށާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕްރޮޑިއުސަރެއްގެ ގޮތުގައި ދިލް ރާޖޫ ހިއްސާވާ "ޑަބަލް ޓްރަބަލް" ގެ ބަތަލާ އަކީ "ޕުޝްޕާ" ގެ ބަތަލާ ރަޝްމިކާ މަންދަނާ އެވެ. އަމީތާބް ބައްޗަންގެ މިދިޔަ އަހަރުގެ "ގުޑްބާއި" ގެ ކާސްޓްގައި ވެސް ހިމެނުނު ރަޝްމިކާ އަކީ މިހާރު ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް ރަންބީރް ކަޕޫރްގެ "އެނިމަލް" ގެ ވެސް ބަތަލާ އެވެ.

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ އަނީސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު އެއް ހިޓްގެ ތެރޭގައި ހިމެނޭ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އެވެ. އޭގެ ތިން ވަނަ ބައި ވެސް ކާތިކް އާރިއަނާ އެކީ ހަދަން އޮތީ ނިންމައިފަ އެވެ.

ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރުގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ލޯބީގެ ފިލްމެކެވެ. ނަން އަދި އިއުލާން ނުކުރާ އެ ފިލްމުގެ ބަތަލާ އަކީ ކްރިތީ ސެނަން އެވެ. ޕްރޮޑިއުސަަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ އެ ފިލްމުގެ ކާސްޓްގައި ދަރުމެންދުރާ އާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

ޝާހިދު އެންމެ ފަހުން ފެނިފައި ވަނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޖޫންގައި ޖިއޯ ސިނެމާ އަށް ގެނައި "ބްލަޑީ ޑެޑީ" އިންނެވެ.