ރ. އަލިފުށީގައި ޤާއިމްކުރާ ޓިވެޓް ސެންޓަރު މަސައްކަތް ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށާއި އެތަނުގައި ހުރި ތަމްރީން ކޯސްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް، ރައްޔިތުންނާއި ގާތުން ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި ޤާއިމްކުރާ ޓިވެޓް ސެންޓަރުގެ ރ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަން ވަނީ ހާމަކޮށްފައެވެ. މިއާއެކު މިއަހަރު ސެޕްޓެމްބަރުގައި ފަށާ ކޯސްތަކަށް ފުރުސަތު މިވަނީ ހުޅުވާލާފައެވެ.
މިގޮތުން ފައިބަރގްލާސް ބޯޓް ބިލްޑިންގް ލެވެލް 3 ގެ ކޯހަކާއި އެކު ޖުމްލަ 10 ކޯހެއް މި ސެޕްޓެމްބަރ ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޕްޓެމްބަރ އިންޓޭކްގައި ފަށާ ކޯސްތަކުގެ ތެރޭގައި ފައިބަރގްލާސް ބޯޓްބިލްޑިންގާއި، އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ދާއިރާގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ސެޓްފިކެޓް ލެވެލް 3، އެޑްވާންސް ސެޓްފިކެޓް އަދި ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިމެނިފައިވެއެވެ.
މިކޯސްތަކުގެ އިތުރުން މިއަހަރުތެރޭގައި، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އެންޖިނިއަރިންގް، މެރިން މެކޭނިކްސް، އޮޓޯމޯޓިވް ރިޕެއަރ، ވެލްޑިންގް، އެއަރކޮންޑިޝަނިންގް އެންޑް ރެފްރިޖަރޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު ކޯސްތަށް ފެށިގެން ދާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ސެޕްޓެމްބަރ އިންޓޭކަށް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 20 އޯގަސްޓަށް ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ކޯސްތަކުގައި ބައިވެރިވުމަށް އޮންލައިންކޮން ހުށަހެޅޭއިރު ޓިވެޓް ސެންޓަރުގެ ކޯސްތަކަކީ ސަރުކާރުގެ ޚަރަދުގައި ހިލޭ ކިޔަވައިދެވޭ ކޯސްތަކެކެވެ.
މީގެ އިތުރުން މިއޯގަސްޓުމަހު ފަހުކޮޅު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކެރިއަރ ގައިޑެންސް އޯޕަންޑޭ އެއް ކުރިޔަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މި އޯޕަންޑޭގައި މިޓެކްނިކަލް އިންސްޓިޓިއުޓުގައި ސެޕްޓެމްބަރ ގައި ފަށާ ކޯސްތަކާއި، މިއަހަރު އިތުރަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަނުން ކުރިޔަށް ގެންދާ، ސްޓުޑެންޓް ލޯން ސްކީމްތަކާއި، ސްކޯލަރޝިޕްތަކުގެ މައުލޫމާތުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.