Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ފޮއްދު އަށް 20 އަހަރު ފަހުން އާ އިންޖީނުގެއެއް

ނ. ފޮއްދޫގައި 20 އަހަރުވަންދެން ހިންގަމުން އައި އިންޖީނުގެ ހުއްޓާލައި، އެ ރަށު އާ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި އެވެ.

ފޮއްދޫގައި 20 އަހަރުވީ އިންޖީނުގެ ނިއްވާލައި، އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެ އާއި އޮފީސް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފޮއްދޫގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ، އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތެކެވެ. އޮފީސް އިމާރާތުގައި ދަތިކަމެއް ނެތި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީ އަކީ، 530 ކިލޯވޮޓް އެވެ.

ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށެވެ.

އެގޮތުން އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ. އަދި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށްވެސް ފެނަކައިން މައުލޫމާތުދެ އެވެ.