އިނގިރޭސި ލީގުގެ ރެކޯޑް އަގެއްގައި ޗެލްސީން ބްރައިޓަން އަށް ކުޅެމުން އައި އިކުއެޑޯގެ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ ގެންނަން އެއްބަސްވެއްޖެ އެވެ.
ކައިސޭޑޯ ،21، ޗެލްސީ އަށް ބަދަލުވާނީ 115 މިލިއަން ޕައުންޑްގެ އަގެއްގަ އެވެ. މިއީ އެއް ކުޅުންތެރިއަކަށް އިނގިރޭސި ކްލަބަކުން ކުރާ އެންމެ ބޮޑު ހޭދަ އެވެ.
ޗެލްސީން މިދިޔަ ޖެނުއަރީ މަހު ވަނީ އިނގިރޭސި ލީގުގެ އޭރުގެ ރެކޯޑް އަގެއްގައި ބެންފީކާ އަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭސް ވެސް ގެނެސްފަ އެވެ. އެންޒޯ ޗެލްސީ އަށް ބަދަލުވީ 107 މިލިއަން ޕައުންޑަށެވެ.
ކައިސޭޑޯ ގެންނަން ލިވަޕޫލުން ވެސް މަސައްކަތް ކުރި އެވެ. އެގޮތުން ކައިސޭޑޯ ގެންނަން ލިވަޕޫލުން 111 މިލިއަން ޕައުންޑްގެ ބިޑެއް މިދިޔަ ހުކުރު ދުވަހު ބްރައިޓަން އަށް ކުރި ނަމަވެސް ކައިސޭޑޯ ވަނީ ލިވަޕޫލަށް ބަދަލުވާން ދެކޮޅު ހަދައިފަ އެވެ.
ޗެލްސީން ކައިސޭޑޯ ގެނައުމުގެ މަސައްކަތް ކާމިޔާބު ކުރިއިރު މީގެކުރިން އެ ކްލަބުން ކުރި ބިޑުތައް ބްރައިޓަން އިން ވަނީ ގަބޫލުކުރަން ދެކޮޅު ހަދައިފަ އެވެ. ބްރައިޓަން އިން ވަނީ މި ޓްރާންސްފާ މާކެޓް ފެށުމާއެކު ކައިސޭޑޯ ވިއްކާނީ މަދުވެގެން 100 މިލިއަން ޕައުންޑަށް ކަމަށް ބުނެފަ އެވެ.
ކައިސޭޑޯ ބްރައިޓަންއާ ގުޅުނީ 2021 ވަނަ އަހަރު ކަމަށްވާއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެއާއެކު މިދިޔަ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ކައިސޭޑޯ ގެންނަން އާސެނަލުން ވެސް މަސައްކަތް ކުރި އެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ޗެލްސީން ރޭ ލިވަޕޫލްއާ ބައްދަލުކުރިއިރު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.