ބޮލީވުޑްގެ އެކްޓަރު ދަރުމެންދުރާ އަކީ ކެރިއަރުގައި މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރެކެވެ. ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ފިލްމުތަކުގެ ތެރޭގައި ވެސް ދަރޭގެ ފިލްމުތައް ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ ކަމަކީ 1975 ގެ "ޝޯލޭ" އެވެ.
ދަރޭގެ މިފަދަ ފިލްމުތަކުގެ ލިސްޓަށް ލިޔާ ނަމަ ގައިމު ވެސް އެ ލިސްޓް ވަރަށް ވަރަށް ދިގުވާނެ އެވެ. އެހެންވެ އެފަދަ ލިސްޓަކަށް ނުގޮސް އޭނަގެ މިހާރު މަސައްކަތްތަކަށް ބަލަމާ ހިނގާށެވެ. ހިންދީ ސިނަމާ އިން ފެނުނު "އެންމެ ރީތި" ފިރިހެން އެކްޓަރުންގެ ތެރޭގައި ގުނައިލެވޭ އަދި "ހީ-މޭން" ގެ ލަގަބު ވެސް ދެވިފައިވާ ދަރޭ އަކީ މިހާރު ވަރަށް ބިޒީ އެކްޓަރެކެވެ.
ކެރިއަރުގެ މިހާ ފަހުކޮޅުގައި ވެސް 87 އަހަރުގެ އެކްޓަރަށް އަންނަނީ ހުށަހެޅުންތައް ލިބެމުންނެވެ. ޑައިރެކްޓަރު ކަރަން ޖޯހަރް މިދިޔަ މަހު ބެލުންތެރިންނަށް ދޫކުރި ފިލްމު "ރޮކީ އޯރް ރާނީ ކޯ ޕްރޭމް ކަހާނީ" ގެ މައިގަނޑު އެއް ތަރި އަކީ ދަރޭ އެވެ. މި ފިލްމުގައި ދަރޭ އާއި ބަތަލާ ޝަބާނާ އާޒްމީގެ "ކިސްއެއް" ވެސް ހިމެނޭތީ އެކަންވީ ބެލުންތެރިންނަށް ވަަރަށް ބޮޑު ސަޕްރައިޒަކަށެވެ.
"ރޮކީ އޯރް ރާނީ ކޯ ޕްރޭމް ކަހާނީ" ގެ ކުރިން މި އަހަރުގެ މާޗް މަހުގެ ތެރޭގައި ޒީ5 އިން ގެނެސްދިން ވެބް ސީރީޒް "ތާޖް: ޑިވައިޑެޑް ބާއި ބްލަޑް" ގެ ރޯލަކުން ވެސް ދަރޭ ފެނިފައިވެ އެވެ. މަޝްހޫރު އެކްޓަރުން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލްގެ ބައްޕަ ދެން އެންމެ އަވަހަށް ފެންނާނީ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭ ޝާހިދު ކަޕޫރްގެ ފިލްމަކުންނެވެ.
ނަން އަދި އިއުލާން ނުކޮށް އޮތް މި ރޮމޭންޓިކް ކޮމެޑީގެ ކާސްޓްގައި ޒުވާން ބަތަލާ ކްރިތީ ސެނަން އާއި ތަޖުރިބާކާރު ބަތަލާ ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.
ދަރޭ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ބައޮގްރަފިކަލް ޑްރާމާއެއް ހިމެނެ އެވެ. މިއީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ލީޑް ރޯލު އެއްޗެކެވެ. އިންޑިއާގެ ކުރީގެ ޒުވާން އަސްކަރީ އޮފިސަރެއްގެ ކިޔައިދޭނެ މި ފިލްމަކީ "އެއްކީސް" އެވެ.
މީގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ.
ދަރޭގެ ކުރިއަށް ޕްރޮޖެކްޓްތަކަށް ބަލާ އިރު، ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޝާހްރުކް ޚާނާ އެކީ ގެނެސްދޭން ހަމަޖެހިފައިވާ "ދުންކީ" ހިމެނެ އެވެ. މި ފިލްމު މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭ ގޮތަށް އިއުލާންކޮށްފައި އޮތަސް މިހާރު ބެލެވޭ ގޮތުން ފިލްމު ވަނީ އަންނަ އަހަރުގެ ކުރީކޮޅަށް ފަސްކޮށްފަ އެވެ.
"ދުންކީ" ގައި ދަރޭގެ ވަރަށް ހާއްސަ ފެނިލުމެއް ހިމެނެ އެވެ. އެހެންވެ މިއީ މި ފިލްމަށް އިންތިޒާރުކުރާ މީހުންނަށް ހަމަ ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ.
ކުރީގެ ބަތަލާ ހެމާ މާލިނީގެ ފިރިމީހާ، ދަރޭ އަކީ އެއް އިރެއްގައި ވެސް އެކްޓިންއާ ދުރުގައި ހުރި އެކްޓަރެއް ނޫނެވެ. އެކަމަކު 2000 ގެ އަހަރުތަކަށް އެޅި ފަހުން އޭނަ އަށް ލިބޭ ފުރުސަތުތައް މަދުވި ނަމަވެސް މިހާރު އަނެއްކާ ވެސް ދަރޭ ވެފައި ވަނީ ޑިމާންޑް ބޮޑު އެކްޓަރަށެވެ. އޭނަ އާއި ދެ ދަރިން ކަމަށްވާ ސަނީ އާއި ބޮބީއާ އެކީ ކުޅުނު 2007 ގެ "އަޕްނޭ" ގެ ސީކްއެލް ވެސް އޮތީ ހަދަން ނިންމައިފަ އެވެ.
އެހެންވެ އޭގެ މަސައްކަތް ވެސް ކުރިއަށް އޮތީ އެވެ. "އަޕްނޭ 2" ގެ ހާއްސަ އެއް ކަމަކީ މި ފިލްމުގެ ކާސްޓަށް ކާފަދަރިއެއް ކަމަށްވާ ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވެސް އިތުރުވެފައިވާކަމެވެ. މީގެ ޑައިރެކްޓަރަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ސަނީގެ "ގަދަރު 2" ގެނެސްދިން އަނިލް ޝަރުމާ އެވެ.