Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"ގަދަރު 2" ގެ ތަރުހީބާ މެދު ސަނީ އުފަލުން

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ގަދަރު 2" އަށް އާންމުންގެ ފަރާތުން ލިބެމުން އަންނަނީ ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ކަމަށާއި އެކަމާ ވަރަށް އުފަލުން ހުރި ކަމަށް އޭގެ ބަތަލު ސަނީ ޑިއޯލް ބުނެފި އެވެ.

މި ފިލްމަކީ އޭނަ އާއި އަމީޝާ ޕަޓޭލްއާ އެކީ ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ.

ފިލްމަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ ބެހޭ ގޮތުން ޓައިމްސް ނައުއާ ވާހަކަ ދައްކަމުން ސަނީ ބުނީ ސިނަމާތަކަށް ގޮސް ބެލުންތެރިން "އެންޖޯއިކުރާ" ވަރުގެ ފިލްމެއް ގެނެސްދެވުމަކީ ބޮލީވުޑަށް ވަރަށް ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ. އަދި "ގަދަރު 2" އަށް ބެލުންތެރިންދޭ ލޯތްބާއި ތަރުހީބާ ހެދި ވަރަށް ބޮޑަށް ޖަޒުބާތީވެފައިވާ ކަމަށް ވެސް ސަނީ ބުންޏެވެ.

"އަސްލު ވެސް އަހަރެމެން އުންމީދެއް ނުކުރަން މި ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަކަށް. ގަދަރު ދޭއް މިވީ ބެލުންތެރިންގެ ހިތްތައް ފަތަހަކުރި ފިލްމަކަށް. އެކަމާ ވަރަށް އުފަލުން މި ހުރީ،" އޭނަ ބުންޏެވެ. "އެހާ ދުވަސް ކޮށްފައި ދެވަނަ ބައި ގެނެސްދިން އިރު ވެސް ފާހަގަކޮށްލެވުނު ކަމަކީ މި ފިލްމުގެ އިންތިޒާރުގައި ވަރަށް ގިނަ ބަޔަކު ތިބިކަން. އެކަން ފިލްމު ރިލީޒްކުރުމާ އެކީ ސިނަމާތަކުން ފެނިގެން މި އަންނަނީ."

"ގަދަރު 2" އަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ލިބުނު ޖުމްލަ އާމްދަނީ އިއްޔެއާ ހަމައަށް ވަނީ 132 ކްރޯޑް ރުޕީސް (16 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. ފިލްމު ރިލީޒްކުރިތާ އެންމެ ދެތިން ދުވަހުގެ ތެރޭގައި އެވަރުގެ އާމްދަނީއެއް ހޯދާފައިވާތީ ކުރިއަށް އޮތް ދުވަސްތަކުގައި "ގަދަރު 2" އަށް ރެކޯޑް އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

މި ފިލްމު ހަދާފައި ވަނީ 80 ކްރޯޑް ރުޕީސް (10 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ "ގަަދަރު 2" އާ އެއް ދުވަހެއްގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "އޯމްއެމްޖީ 2" އަށް ވެސް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 28 ގައި ރިލީޒްކުރި ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޖާދޫ ވެސް ބޮކްސް އޮފީހުގައި އަދިވެސް ގަދަ އެވެ.