Last Updated: June 6, 13:44
Saturday, June 6, 2026
ޚަބަރު

އިބްރާ އެމްޑީޕީން ވަކިވެއްޖެ

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އެމްޑީޕީން ވަކިވެއްޖެއެވެ.

އެމްޑިޕީގެ ޗެއާޕާސަންކަމަށްވާ ފައްޔާޒް އިސްމާއިލަށް އެޑްރެސްކޮށް ލިޔުނު ސިޓީގައި އިބްރާ ވިދާޅުވެފައިވަނީ، ފާއިތުވި ފަސްއަހަރު ފެނިގެންދިޔައީ ކަންކަން ކުރިއަށްވުރެއް އިތުރަށް ގޯސްވެގެންދިޔަ މަންޒަރު ކަމަށެވެ.

އިބްރާ ވިދާޅުވީ މިއަދު ސިވިލް ކޯޓަކީ ބަންޑާރަނައިބުގެ އޮފީހުގެ ސެކްޝަނަކަށް އެމްޑީޕީން ބަދަލުކޮށްފައިވާ ކަމަށާއި، ހައިކޯޓު ހިންގަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ދައުލަތުގެ ވަޒީރުން ތަކުރާރުކޮށް ޤާނޫނުގެ އިމުގެ ބޭރުން ރައްޔިތުންގެ މިނިވަންކަމާއި ހައްޤުތައް ހިފަހައްޓަމުންދާއިރު، އެކަންކަން ދިފާއުކުރައްވަނީ ބަންޑާރަނައިބު ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

"ޕާޓީ އުފެއްދި އެންމެހައި އަސާސްތައް ދޫކޮށްލައި، ޕާޓީއަކީ ވެރިކަމާއި، ވެރިކަމުގެ ބާރު ހޯދާން އޮތް ވަސީލަތަކަށް ހަދައި ނިމުނު އިރު، ޮާޓީގެ އިސް ސަފުގައި، ބަސްކިޔާ ގޮތް ނިންމާން މިތިބީ، ޕާޓީ އުފެއްދިޔަ ނުދޭށާއި، ޕާޓީގެ ދުންފުނި ހަރުގެ ފުނޑުކޮށްލައި، އެކަން ދިފާއުކުރި މީހުނެވެ. މަޖިލިސް ތެރޭގައި، ޕާޓީގެ ނަމުގައި ހުރިހައި ބާރުވެރިކަމެއް މި ދައްކަނީ އެމްޑީޕީގެ ސިފަ ޖައްސައިގެންތިބި، އޭރުގެ ޑީއާރްޕީގެ މެންބަރުންނެވެ." އިބްރާ ވިދާޅުވިއެވެ.

ތިން ސަފްހާ ދިގުކޮށް އިބްރާ ލިޔުއްވާފައިވާ ސިޓީ ސޯޝަލްމީޑިއާގައި ހިއްސާކުރައްވާފައިވާއިރު، އިބްރާގެ ސިޓީގައި ވަނީ ޕާޓީން ވަކިވުމަށް އެދޭ ގިނަ ސަބަބުތަކެއް އެ ސިޓީގައި ހިއްސާ ކުރައްވާފައެވެ.

އިބްރާއަކީ އެންމެ ފުރަތަމަ އެމްޑީޕީ ރަޖިސްޓްރީ ކޮށްދިނުމަށްއެދި 2001 ވަނަ އަހަރު ހުށަހެޅި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަރާތެކެވެ. އަދި 2005 ވަނަ އަހަރު އެމްޑީޕީ އުފައްދަން ސޮއިކުރި މީހުންގެ ލިސްޓުގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީވެސް އިބްރާއެވެ.