ބަރަހަނާ ވެބްސައިޓްތައް ބްލޮކުކުރުމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން ވައުދުވެވަޑައިގެންފިއެވެ.
ފާރިސްގެ މެނިފެސްޓޯ ލޯންޗްކޮށް ކެމްޕޭން ލޯންޗް ކުރުމަށް ރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ވަނީ މެނިފެސްޓޯގައި ހިމެނޭ ކަންކަން ހާމަވެސް ކޮށްފައެވެ.
އެގޮތުން ފާރިސް ވަނީ ބަރަހަނާ ސައިޓްތައް ބްލޮކްކުރުން، ސްޕާގެ ނަމުގައި ހިންގާ ނުރަނގަޅު ތަންތަން ބަންދުކުރުމަށް މެނިފެސްޓޯގައި ހިމަނާފައެވެ.
ރާއްޖެ ޑިޖިޓަލް ފައިނޭންޝިއަލް ހަބަކަށް ހެދުން ފާރިސްގެ މެނިފެސްޓޯގައި ހިމަނާފައިވާއިރު ޑިޖިޓަލް ބޭންކިންއާ ޑިޖިޓަލް ވޮލެޓަށް ހާއްސަ ލައިސަންސް ދޫކުރުންވެސް ވަނީ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފައެވެ.
މީގެއިތުރުން ވެސް މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ ތެރޭގައި މަގާމުތަކަށް ފަންނީ މީހުން އައްޔަން ކުރުން، ބޭކާރު ހަރަދު ކުޑަކުރުން، ފެނާއި ކަރަންޓާއި ކާޑުގެ އަގު ހެޔޮކުރުން، އަގުހެޔޮ ބޯހިޔާވަހިކަމެއް، ޒަމާނީ ވިޔަފާރިތައް ރާއްޖެއަށް ތައާރަފު ކުރުން، ހާފްވޭ ހައުސްތައް އެޅުން އަދި އަންހެނުންނަށް ހާއްސަ ރީހިބިލިޓޭޝަން ސެންޓަރުތަކެއް އެޅުން ހިމެނެއެވެ.
އެމްއާރްއެމްގެ ރައީސް ފާރިސް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާއިރު ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޑރ. އަބްދުއްސައްތާރު ޔޫސުފެވެ. ރިޔާސީ އިންތިހާބުގައި ފާރިސްއަކީ ކެންޑިޑޭޓް ނަންބަރު 6 އެވެ.