އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރަށް އެއްކޮށް ނިންމައިލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
އައްޑޫގައި ހުންނަވާ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ކުރިން ރޭވިފައި އޮތީ އަންނަ ނޮވެމްބަރަށް މަޝްރޫއު އެއްކޮށް ނިންމަން ކަމަށެވެ. ނަމަވެސް މަސައްކަތްތަކަށް ދިމާވި އެކި ކަހަލަ ލަސްވުންތަކާ ހެދި މިހާރު މަގު ހެދުމުގެ ޕްރޮޖެކްޓް އެއްކޮށް ނިމޭނެ ލަފާ ކުރެވެނީ ޑިސެމްބަރުގެ ނިޔަލަށް ކަމަށް ވިދާޅުވި އެވެ.
އައްޑޫ މަގު ހެދުމުގެ މަސައްކަތް ކުރަނީ ދެ ކުންފުންޏަކުންނެވެ. އެއީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އާއި ޖީކޭޑީއިން ނެވެ. ދެހާސް އެކާވީހުގައި ފެށި އެފްކޮންސް މަޝްރޫއު އަކީ އިންޑިއާ ސަރުކާރުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. ހަންކެޑެއިގެ އާ ބްރިޖަކީ މީގެ ބައެކެވެ.
ޖީކޭޑީ އަކީ ސަރުކާރުގެ ބަޖެޓުން ހިންގާ ގޮތަށް 2019 ގައި ފެށި މަޝްރޫއެކެވެ.
އައްޑޫގެ މަގުތައް ޒަމާނީ ފެންވަަށް ހަދާ އިރު، މަގުތައް ހަދަނީ ތާރު އަޅައިގެންނާއި ގާތު އަތުރައިގެންނެވެ. އެގޮތުން މިހާރު ހިތަދޫގެ ވަރަށް ވަރަށް ގިނަ މަގުތައް ވަނީ ތާރު އަޅައިގެން ހަދައި ނިންމައިފަ އެވެ.
ސޯބެ ވިދާޅުވީ މަގުތައް ހެދުމުގެ މަސައްކަތް ބައެއް ރަށްރަށުގައި ތަންކޮޅެއް ލަސްކޮށް ދަނީ އެ މަގުތައް ހެދުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ އެހެން ކަންކަން ނުވެ އޮތުމްނެވެ. އޭގެ ތެރޭގައި ސްވެރޭޖާއި ޑްރެއިނޭޖް ސިސްޓަމް ފަދަ ކަންކަން ފުރިހަމަކޮށްފައި ނެތުން ހިމެނެ އެވެ. މި ސަބަބާ ހެދި ބައެއް މަގުތަކުގެ އެއް ބައި ހަދާފައި މަޑުޖައްސައިލަން ޖެހިފައި އެބަހުއްޓެވެ.
"އެހެންވެ މިކަހަލަ އިޝޫތަކާ ހެދި އެބަހުރ ބައެއް އަވަށްތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވި. އެކަމަކު އެގޮތަށް ދިމާވެފައި ހުރި މަގުތަކުގެ މަސައްކަތްތައް ވެސް މި މަހުގެ ތެރޭގައި ފެށޭނެ،" ސޯބެ ވިދާޅުވި އެވެ. "މިހާރު އުންމީދަކީ އަހަރު ނިމުމުގެ ކުރިން އައްޑޫގެ މަގުތައް ހަދައި ނިންމައިލުން."
އެގޮތުން މަގުތަކާއި ބައްތި ޖެހުމާއި ކެމެރާ ހަރުކުރުން ވެސް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
މަގުތައް ހެދުމަކީ މި ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ.