އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" އިން ހިތްގައިމު ލޯބީގެ ލަވައެެއް މިއަދު ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
މިދިޔަ މަހު އެ ފިލްމުގެ "ޒިންދާ ބަންދާ" އަށް ފަހު ދޫކޮށްލި ދެވަނަ ލަވަ އަކީ ޝާހްރުކާއި ބަތަލާ ނަޔަންތަރާގެ ލޯބި ދައްކުވައިދޭ "ޗަލެޔާ" އެވެ. ޝާހްރުކްގެ ޓިޕިކަލް ސްޓައިލްގެ އަދި "ވިންޓޭޖް" އިހުސާސްތަކެއް ގެނުވައިދޭ މި މަޑުމައިތިރި ލޯބީގެ ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގް އާއި ޝިލްޕާ ރާއޯ އެވެ.
އަނިރުދުގެ މިއުޒިކަށް ކުމާރު ޅެން ހެދި "ޗަލެޔާ" ގެ ކޮރިއޯ ހަދާފައި ވަނީ ޝާހްރުކްގެ އެތެއް ފިލްމެއްގެ ލަވަތަކެއްގެ ނެށުން ތައްޔާރުކޮށް ދީފައިވާ މަޝްހޫރު ކޮރިއޮގްރާފަރު ފަރާ ޚާނެވެ. "ޖަވާން" އަކީ ޝާހްރުކާއި ދެކުނުގެ ބަތަލާ ނަޔަންތަރާ އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށްވާތީ މި ދެ ތަރިންގެ ކެމިސްޓްރީ އާ ލަވައިން ތަޖުރިބާކޮށްލަމާ ހިނގާށެވެ.
ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާފައިވާ "ޖަވާން" އަކީ ޝާހްރުކް ޑަބަލް ރޯލެއް ކުޅެފައިވާ އެކްޝަން ތުރިލާއެކެވެ. އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަ މި ފިލްމުގެ ކާސްޓްގައި ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ވިޖޭ ސެތުޕަތީ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި ދީޕިކާ ޕަދްކޯންގެ އިތުރުން ތަމަޅަ އެކްޓަރު ވިޖޭ ވެސް ފެންނާނެ އެވެ.
"ޖަވާން" އަކީ ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" ގެ ފަހުން ރިލީޒްވާ ޝާހްރުކްގެ ދެވަނަ ފިލްމެވެ.