Last Updated: June 6, 13:44
Saturday, June 6, 2026
ޚަބަރު

ވެރިކަމަށް އަންނަގޮތަށް ރައީސް ސޯލިހްގެ ޕާސްޕޯޓް ހިފަަހައްޓާނަން

އަބްދުއްރަހީމް އަބްދުﷲ- ފޮޓޯ: ޕީޕީއެމް

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އަންނަ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޕާސްޕޯޓް ހިފަަހައްޓާނެ ކަމަށާއި، ޕީޕީއެމް ޕީއެންސީގެ ވެރިކަން ނިމެންދެން ރައިސް ސޯލިހް އޮންނާނީ ޤާނޫނީ އިމުގެ ތެރެއިން ޖަލުގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ހޯރަފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ބޭނުންވާނަމަ ޑރ. މުއިއްޒަށް ވޯޓު ހޯއްދެވުމުގެ މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ގައުމަށް ދިމާވެފައިވާ ކަންކަމުން ގައުމު ސަލާމަތް ކުރުމަށް ޑރ. މުއިއްޒަށް ވޯޓު ދޭންޖެހޭ ކަމަށާއި އަދި ޑރ. މުއިއްޒަށް އިތުރު ވޯޓު ހޯދުމުގެ މަސައްކަތްވެސް ކުރަންޖެހޭ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަދަ އަނިޔާވެރި ވެރިއެއް އަދި ރާއްޖޭގެ ވެރިކަމަށް ނާންނަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ރައީސް ސޯލިހް އަނިޔާވެރިވީ ދިވެހި ފަސްގަނޑަށް ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. އަދި އެއީ ދިވެހި ތާރީޚު ދެކޭނެ އެންމެ ބޮޑު ޣައްދާރު ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ވެރިކަމަށް އަންނަ ގޮތަށް ރައިސް ސޯލިހް ހިފާ ހައްޔަރުކުރާނެ ކަމަށާއި ފިލައިގެން ނުދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމަށް އަންނަގޮތަށް [ރައީސް ސޯލިހްގެ] ޕާސްޕޯޓް ހިފަހައްޓާނަން. ސުވާލެއް ނޯންނާނެ. ޑރ. މުއިއްޒަށް އަޅުގަނޑު ދަންނަވާލަން ބޭނުން، އިންތިހާބުވެ ވަޑައިގަތުމާއެކީގަ ޕާސްޕޯޓް ހިފަހައްޓަންވާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް ނިމެންދެން ރައީސް ސޯލިހް އޮންނަންޖެހޭނީ ޤާނޫނީ އިމުގެ ތެރެއިިން ޖަލުގައި ކަމަށެވެ.

ޑރ. މުއިއްޒުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވާއިރު އެމަނިކުފާނު އަންނަނީ ހއ. އަދި ހދ. ގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.