ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ކުންފުނިން ގުޅިގެން އުފައްދާފައިވާ، ބިއޯންޑް އެއާލައިނުގެ ފުރަތަމަ ޓެސްޓު ފްލައިޓު ކާމިޔާބުކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.
މި ފްލައިޓުގެ ގަމުގެ ވައިގެ ބަނދަރުގައި ޖެއްސީ މެނދުރު ފަހު 3:00 އެހައިކަށްހާއިރު އެވެ. އެ އެއާލައިނުން ފުރަތަމަ ބޯޓު މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރާއްޖެ ވަނީ ގެނެސްފައެވެ. އެގޮތުން އެއާބަސް އޭ-319 މަރުކާގެ މިބޯޓު ރާއްޖެ އައިސްފައިވަނީ ސީދާ ދުބާއިންނެވެ. މިއަދު ފުރަތަމަ ޓެސްޓު ފްލައިޓު ބޭއްވި އިރު މި ދަތުރަށް ހޭދަވެފައިވަނީ ގާތްގަނޑަކަށް ގަޑިއެއްހާއިރެވެ. މި ފްލައިޓު އަނބުރާ މާލެ ފުރާނީ 4:00 ގައެވެ.

މި އެއާލައިނަކީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ އާއިލީ ވިޔަފާރި ކުންފުނި، ސިމްޑީ ގްޕޫރާއި ދުބާއީގެ އެރޭބިސް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ އެއާލައިނެކެވެ. ޑރ. ޝަކީލާ އުފަން އައްޑޫއަށް ފުރަތަމަ ޓެސްޓް ފްލައިޓު ބޭއްވި ކަމުގައި ވިއަސް މިއީ އެއްވެސް ގޮތަކަށް އެތެރޭގެ އުދުހުންތަކުގަައި ހަރަކާތްތެރިވާނެ އެއާލައިނެއް ނޫނެވެ.
މިއީ ދުނިޔޭގެ ފުރަތަމަ ހަމައެކަނި ލަގްޒަރީ ދަތުރުތަކަށް ހާއްސަ އެއާލައިން ކަމަށް ބިއޯންޑް ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން މި އެއާލައިންގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ބާރަށް ކުރިއަށްދާ އިރު މިދިޔަ މެއި މަހުގެ ތެރޭގައި މާލޭގައި ވަނީ އެއާލައިންގެ އޮފީހެއް ވެސް ހުޅުވައިފަ އެވެ. އަދި އެއާލައިނަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
"ބިއޯންޑް" ގެ އަމާޒަކީ ހިދުމަތް ފަށާ އިރު، ދުނިޔޭގެ 60 މަންޒިލަކަށް އުދުހުމެވެ. ފުރަތަމަ ދަތުރުތައް ފަށާ މަންޒިލްތަކުގެ ތެރޭގައި ފްރާންސްގެ ޕެރިސް، އޮސްޓްރިއާގެ ވިއެނާ، ޔޫއޭއީގެ ދުބާއީ، އިޓަލީގެ މިލާން، ހޮންކޮންގް، ޓައިޕޭ އަދި ސިންގަޕޫރް ހިމެނެ އެވެ.