Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެންމެ ދިގު ރަންވޭއާ އެކީ މާފަރު އެއާޕޯޓް ތަރައްގީކުރަނީ

މާފަރު އެއާޕޯޓު --

ރާއްޖޭގެ އެއާޕޯޓެއްގައި އޮތް އެންމެ ބޮޑު ރަންވޭއާއެކު، މާފަރު އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުުޅުގައި މިއަދު ނ. އަތޮޅު މާފަރަށް ވަޑައިގެން އެ ރަށުގެ ތަރައްޤީއަށް ސަރުކާރުން ރާވާފައި ހުރި ކަންކަމާއި ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން މާފަރު އެއާޕޯޓު މަޝްރޫޢުގެ ވާހަކަ ފަށްޓަވަމުން އެމަނިކުފާނު ވިދާޅުވީ، އެ އެއާޕޯޓު މަސައްކަތަކީ ކުރީގެ ސަރުކާރުގެ ނިންމުމެއް ކަމަށް އެމަނިކުފާނަށް ޤަބޫލު ކުރެވިފައި އޮތް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ކޯލިޝަން ޕާޓްނަރ ޝީއާމް މިހާރު އެކަން ހިނގައިދިޔަގޮތް ވަރަށް ސާފުކޮށް ކިޔައިދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މާފަރު އެއާޕޯޓު ތަރައްޤީކޮށްފައިވަނީ އަބޫދާބީ ފަނޑުގެ އެހީތެރިކަމާއެކުއެވެ. އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުން އެ އެއާޕޯޓު ތަރައްޤީ ކުރި ފަރާތުން އެމަނިކުފާނާއި ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެއާޕޯޓު އިތުރަށް ފުޅާކުރަން ރާވާފައި ހުރި ކަންތައް ހިއްސާކޮށްދެއްވި ކަމަށް ވިދާޅުވިއެވެ. އަދި ހުށަހެޅުންތަކާއި އެކީ މަސައްކަތް ފެށިފައިވާކަމަށް ވިދާޅުވިއެވެ.

"އެއާޕޯޓު ވެގެން ދާނީ އެ ވިދާޅުވާހެން، ރާއްޖޭގައި އޮތް އެންމެ ދިގު ރަންވޭއަށް، ނިމިގެންދާއިރު. އެމީހުންގެ ތަޞައްވަރެއް އެބައޮތް. އަޅުގަނޑުމެން މަޝްވަރާ ކުރަމުން އެބަދަން. ޔޫރަޕުން ސީދާ ފްލައިޓު މިތަނަށް އަންނާނެ. އަދި އިތުރަށް މިސަރަހައްދުގައި ޓުއަރިޒަމްގެ ބޮޑު އެކްސްޕޭންޝަނެއް ގެންނަން ވަނީ ނިންނާމާފައި " ރައީސް ސާލިޙް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓާއި ގުޅިގެން ބައެއް ރަށްތައް އެ ފަރާތަށް މިހާރު ދޫކޮށްފައިވާ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މި މަސައްކަތަކީ ޔޫއޭއީގެ އަބޫދާބީ ޝާހީ އާއިލާއާއި މިމަސައްކަތް ގުޅިފައިވާ ކަމަށެވެ.

މީގެ އިތުރުން އެއާލައިނަކާއި ބެހޭ މަޝްވަރާތައްވެސް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމުގެ ތަފްސީލައް ނުގޮސް ރައީސް ވިދާޅުވީ ކަން ނިމިގެންދާއިރު މާފަރު އެއާޕޯޓު ވެގެންދާނީ އެ ބޭފުޅުން ވިދާޅުވާ ގޮތަށް ހަބަކަށް ކަމަށެވެ. އަދި މޯލްޑިވިއަންގެ ސީޕްލޭން ޙިދުމަތް މި ސަރަހައްދުގައި ފެށުމަށް ޕްލޭން ހަދަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ، 2200 މީޓަރު ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ. އެއާޕޯޓު ތަރައްޤީ މަޝްރޫޢުގެ ދަށުން އިތުރު 650 މީޓަރު ރަންވޭއަށް އިތުރު ކުރާއިރު، ޓެކްސީ ވޭ ފުޅާކޮށް ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުމަށް ވަނީ ރޭވިފައެވެ.