Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދޯނީގައި މަސް ފިނިކުރާ ނިޒާމު ހަރުކުރަން ތައްޔާރުވަނީ

މިފްކޯ ކަލެކްޓަރ އުޅަނދެއް / ފޮޓޯ: މަސްވެރިން

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ނިޒާމު ދޯނިތަކުގައި ހަރުކުރުމަށް މިފްކޯއިން ތައްޔާރުވަމުންދާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ދައުލަތުގެ މިޑީއާއަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މި މަސައްކަތަކީ ބާނާ މަހަށް ރަނގަޅު އަގެއް ހޯދައި ދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރަށް މިހާރު ޕްރޮޕޯސަލް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެެވެ. އަދި މަސް ދޯނީގައި މި ނިޒާމު ހަރުކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް މިއޮތީ މިފްކޯއިން މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އާރުއެސްޑަބްލިއު ސިސްޓަމް އިންޕްލިމަންޓް ކުރުން. މިފްކޯގެ ޕްރޮޕޯސަލް ސަރުކާރަށް ހުށައަޅަން ތައްޔާރުވަމުން މިދަނީ. ރަނގަޅު މަސްވެރިކަމެއްގައި އައިސް ހޯދުމަށް ބަރޯސާވުމުންވެސް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުރޭ. " ފައުޒީ ވިދާޅުވިއެވެ.

މިމަސައްކަތް ކުރުމަށް މިފްކޯއިން ވެފައިވާ ތައްޔާރީތަކާއި ގުޅޭގޮތުން އެކުންފުނިން ބުނީ، މި މަސައްކަތް ކުރުމަށް އެކުންފުނީގެ އިންޖިނިއަރުން ދޯނިތައް ސާވޭ ކުރާނެ ކަމަށެވެ. އަދި ކެޕޭސިޓީ ބެލުމުގެ އިތުރުން ހަރުކޮށްދިނުމާއި، ސާވިސްކޮށް ވޮރަންޓީގެ ކަންކަން އެކުންފުނިން ބަލަހައްޓާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި މިފްކޯގެ ހުރިހާ ސެންޓަރުތަކުން މި ޚިދުމަތް ލިބޭނެ ގޮތް ހަދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ރާއްޖޭގެ މަސްވެރިންނަށް އައިސް ނުލިބުމަކީ ޒަމާނުއްސުރެވެސް އޮތް ދައްޗެކެވެ. މިކަމުގެ ސަބަބުން ބާނާ މަހުގެ ކޮލިޓީ ދަށްވުމާއި ދުރަށް ދަތުރުކޮށް މަސްވެރިކަން ކުރުމަށް ދަތިތަކާއި ކުރިމަތިވެއެވެ. މިކަން ހައްލު ކުރުމަށް ބައެއް ރަށްރަށުގައި އައިސް ޕްލާންޓުތައް އަޅާފައިވާއިރު، ސަރުކާރުން އޮޑިވެރިންނަށް މި ނިޒާމު ހަރުކުރުމަށް ލޯނު އެހީތެރިކަން ވެސް ފޯރުކޮށްދެއެވެ.

އަދި ފިޝަރީޒް މިނިސްޓްރީން ދާދި ފަހުން ވަނީ މި ޕްރޮގްރާމުގެ ތެރެއިން އޮޑިވެރިންގެ އެކައުންޓަށް ފައިސާ ޖަމާކޮށް އޮޑިވެރިން އަމިއްލައަށް އާރްއެސްޑަބްލިއު ނިޒާމު ހަރުކުރުމުގެ ފުރުސަތު ވެސް ދޭން ނިންމާފައެވެ.