މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރްގެ ދެވަނަ ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމިލީ" އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެެވެ.
މި ފިލްމަކީ މަނޫޝީ ބޮލީވުޑަށް ތައާރަފުވި ފިލްމު "ޕްރިތުވީ ސަމްރާޓް" ވެސް ގެނެސްދިން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެކެވެ. "ދޫމް 3" އާއި "ތަގްސް އޮފް ހިންދުސްތާން" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްކާ އަޗާރިއާ (ވިކްޓާ) ޑައިރެކްޓްކުރި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 22 ގަ އެވެ.
"ދަ ގްރޭޓް އިންޑިއަން ފެމިލީ" ގެ ބަތަލަކީ ވިކީ ކޯޝަލް އެވެ. މިއީ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާގެ މި އަހަރުގެ ދެވަނަ އަދި އޭނަ ވައިއާރްއެފަށް ކުޅުނު ފުރަތަމަ ފިލްމެވެ. ޖޫންގައި ރިލީޒްކުރި ވިކީ އާއި ސާރާ އަލީ ޚާންގެ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. ޑިސެމްބަރަށް ވިކީގެ "ސޭމް ބަހާދޫރު" ވެސް އޮތީ ތާވަލުކޮށްފި އެވެ.
އަކްޝޭ ކުމާރާ އެކީ މަނޫޝީ ކުޅުނު "ޕްރިތުވީ ސަމްރާޓް" އާ ހިލާފަށް "ދަ ގްރޭޓް އިންޑިއަން ފެމިލީ" އަކީ ލައިޓް-ހާޓެޑް ކޮމެޑީއެކެވެ. މަނޫޝީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޖޯން އަބްރަހަމްގެ އެކްޝަން ތުރިލާ "ތެހެރާން" އާއި ޓައިގާ ޝްރޮފާއި އަކްޝޭގެ އެކްޝަން ކޮމެޑީ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ހިމެނެ އެވެ.
"ދަ ގްރޭޓް އިންޑިއަން ފެމިލީ" އަކީ ޖެނުއަރީގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ޝާހްރުކް ޚާންގެ "ޕަތާން" އަށް ފަހު ވައިއާރްއެފުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ.