Last Updated: July 17, 06:30
Friday, July 17, 2026
ރިޕޯޓް

ޖީ20؛ ތަސައްވުރު އާކުރަން އިންޑިއާގެ ދައުރު ބޮޑު

ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ޖީ-20ގެ މައިގަނޑު ލަޑުދަނޑިތަކުގެ އަމާޒުގެއްލި، ޤައުމުތަކުގެ މެދުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ފާލަމެއް ޤާއިމްކުރުމަށް ފިޔަވަޅު އަޅަމުންދާ ގައުމެއްގެ ހައިސިއްޔަތު ލިބިފައިވީހިނދު، ދުނިޔޭގެ ކާރިސާތަކަށް ތަފާތު ހައްލުތަކެއް ހޯދުމުގެ ދައުރު އަދާކުރުމަށް ލިބިފައިވާ މި ފުރުސަތު އިންޑިއާއިން ދޫކޮށްލައިގެންނުވާނެ އެވެ.

އިންޑިއާއިން ރަޝިޔާއަށް އަދި ބަންގްލަދޭޝްއަށް ކުރިން ކަނޑައަޅުއްވާފައި ހުރި ސަފީރު، ޕަންކަޖް ސަރަން ވިދާޅުވާ ގޮތުގައި، އެ ޤައުމުގެ ތަހުޒީބީ އަޚްލާޤާއި، ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ދަރަޖައަށް ބަލާއިރު، ޖީ-20 ގެ ކުރިއެރުމާއެކު އިންޑިއާގެ ނިޝާން ދުނިޔޭގައި ޖެހިގެންދާނެ އެވެ.

ޖީ20 އަކީ ދުނިޔޭގެ އެންމެ މުހިންމު އިގްތިސާދުތަކުގެ ސެލްފް ސިލެކްޓެޑް ގްރޫޕެކެވެ. އެއީ 2008 ވަނަ އަހަރުގެ މާލީ ކާރިސާގެ ކުރިން އުފެދުނު ކަމެއް ނަމަވެސް، ލީޑަރުންގެ ދަރަޖައަށް އެތަން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިނގީ އެ ކާރިސާއާ ގުޅިގެންނެވެ. މިއީ އާންމު ޖީ-7 ގުރޫޕުން ބޭރުން ދުނިޔޭގެ ލީޑަރުންގެ އެޖެންޑާގައި ދާޚިލީ އަދި ބައިނަލްއަޤުވާމީ އިޤްތިސާދީ އަދި މާލީ މައްސަލަތައް ހިމެނުނު ފުރަތަމަ ފަހަރެވެ. ޤައުމަށް ޚާއްޞަ ނުވަތަ ދާޚިލީ މައްސަލަތަކެއްގެ ގޮތުގައި ބެލެވިފައި ހުރި ކަންކަން އަދި ފިނޭންސް މިނިސްޓްރީތަކާއި، މަރުކަޒީ ބޭންކްތަކަށް ބަލަހައްޓަން ހަވާލުވެފައިވާ ކަންކަމަށް އަލި އެޅުވިގެން ދިޔުން ވެގެންދިޔައީ އާދަޔާ ހިލާފު ކަންތައްތަކަށެވެ. އެންމެ ހިނދުކޮޅަކުން، ދުނިޔޭގެ އިޤްތިޞާދީ އެޖެންޑާ އަކީ ސިޔާސީ އެޖެންޑާއަކަށް ވެގެން ދިޔައިރު، ދައުލަތްތަކުގެ ބައިވެރިވުމާއި ހިސާބުޖެހުންތަކުން ފެނިގެންދިޔައީ، މިކަމަށް ދެއްވި ޝައުޤުވެރިކަމެވެ.

ޖީ-20 ގުރޫޕް ލީޑަރުންގެ މެދުގަައި އުފެދެން މެދުވެރިވި ސަބަބަކީ ކާރިސާއެއްގެ ސަބަބުންކަމުން، އޭގެ ފުރަތަމަ އަހަރުތަކުގެ ބޭނުމަކަށްވީ އެއް ފަރާތުން އަނެއް ފަރާތަކަށް ހުރި ގޮންޖެހުންތަކާއި ދެކޮޅަށް މަސައްކަތްކޮށް ޤައުމުތަކުގެ އިޤްތިސާދު ހަމައަކަށް އެޅުމުން، ދެންހުރި ނިޒާމީ މައްސަލަތަކާއި ދިގު މުއްދަތުގެ ހައްލުތަކަށް ހޯދުމަށް އިސްކަންދިނުމެވެ.

އިންޑިއާއަށް ބަލާއިރު ޖީ-20 އުފެދި މިހާރު އައިސްފައިވާ ހިސާބާއި 2008ވަނަ އަހަރު ކުރިމަތިވި ކާރިސާއަށްފަހު ހިނގާފައިވާ ކަންތައްތަކާއި ދުނިޔެ މިއަދު މިއޮތް ޙާލަތާއި ހުރި އެއްގޮތްކަން ފާހަގަކޮށްލެވެ އެވެ. ފުރަތަމަ ކަމަކީ 2008 ވަނަ އަހަރުގެ ކާރިސާ އުފެދުނީ ހުޅަނގުންނެވެ. އެ މައްސަލައިގާ އިންޑިއާ އާއި ދުނިޔޭގެ ދެކުނުގެ އެއްވެސް ދައުރެއް ނެތް ފަދައިން، ޔޫކްރެއިންގެ މައްސަލަ އުފެދުމުގައި ވެސް މި ދެ ފަރާތުގެ ދައުރެއް ނެތެވެ. އެހެންނަމަވެސް، މި ދެ ޙާލަތުގައިވެސް، މި ޤައުމުތައް ވެގެން ދިޔައީ ކޮލެޓަރަލް ޑެމެޖްއަކަށެވެ. ދެވަނަ ކަމަކަށް، ދެން، މިހާރު އޮތް ފަދައިން، އިންޑިޔާއަކީ، މިކަމުގެ ޙައްލެއްގެ ބައެއްގެ ގޮތުގައި ދެކެވުނީ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ވެރިކަމުގައި ޖީ-20 ގެ މެންބަރުކަން ލިބުނު ހިސާބުންނެވެ.

ޖީ-20ގެ ތެރެއިން ޔޫކްރެއިން ހިމާޔަތްކުރުން

މުޅި ދުނިޔެ 2008 ވަނަ އަހަރުން ފެށިގެން ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެގޮތުން އޭރު ޖީ. 20 އަކީ ހަނގުރާމައާއި ސަލާމަތާއި ޖިއޮޕޮލިޓިކަލް ހަމަނުޖެހުންތަކުގެ މައްސަލަތަކަށް ވެސް ޙައްލެއް ހޯދުމުގެ ފޯރަމެއްގެ ގޮތުގައި 2008ވަނަ އަހަރުގެ ޖީލުން ހީވެސްނުކުރާނެ އެވެ. ނަމަވެސް ރަޝިއާ އާއި ހުޅަނގުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޖީ-20 އެޖެންޑާ ފުނޑުފުނޑުވެ ނުދިޔުމަށް އިންޑިއާ އާއި ދެކުނުގެ ޤައުމުތަކުން ވަނީ އިސްކަން ދީފަ އެވެ. އިންޑޮނޭޝިއާއަށް އެޤައުމުގެ ދައުރުގައި އަދި މުޅި ސަމިޓުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ މިކަމެވެ.

މި ހަނގުރާމައިގެ ސަބަބުން ޖީ-20ގެ މައިގަނޑު މަގްސަދުތަކާއި ލަނޑުދަޑިތަކުން ދުނިޔޭގެ ސަމާލުކަން ގެއްލުވާލުމަށް އިންޑިއާއިން ފުރުސަތު ދީގެން ނުވާނެ އެވެ. ހަޤީގަތަކީ ކުރު މުއްދަތުގެ ނުރައްކާތަކާއި ޑިސްލޮކޭޝަންތައް ކުރިމަތިވާނެ ކަމެވެ. އަދި އެކަމަށް ރައްދު ދޭން މަޖުބޫރުވި ނަމަވެސް އިންޑިއާގެ ވިސްނުމަކީ ދިގު ދެމިގެންވާ ހައްލެވެ. އެކަމުގެ ބޭނުންތެރިކަން މިހާރު ވަނީ ދުނިޔޭގެ އެޖެންޑާގެ ހުރިހާ ކަމެއްގައި ވެސް ފެންނަންފަށާ، އިންޑިއާގެ ޤާބިލުކަމާއި މޮޅުކަން؛ ބައިނަލްއަޤުވާމީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭ ފަރާތެއްގެ ހައިސިއްޔަތުން އަދާކުރާ ދައުރާ އެކު ސާބިތުކޮށްދެވިފަ އެވެ. އެގޮތުން އިންޑިޔާއިން ބޮޑުވަޒީރު މޯދީގެ ނިންމެވުމާއި އެކު މިވަނީ، ހަލަބޮލިވެފައިވާ ދުނިޔޭގައި އަމަންއަމާންކަމާއި އެއްބައިވަންތަކަމަށް ގޮވާލާ ބާރަކަށްވެ، ދުނިޔެ ހޫނުވުން ފަދަ މައްސަލަތަކުގަ އާއި އިންސާނިއްޔަތުގެ އިޤްތިޞާދީ ދުޅަހެޔޮކަމާއި މުސްތަޤްބަލަށް އަސަރުފޯރާ ކަންކަމާއި ގުޅޭގޮތުން އަޑުއުފުލާ ފަރާތެއްގެގޮތުގައި ޤާއިމްކުރެވިފަ އެވެ.

އުފެދިފައިވާ މައްސަލައަކީ ހަމައެކަނި ޔޫކްރެއިންގެ ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަން އެކަންޏެއް ނޫނެވެ. އެއީ އޭގެ ޒާތުގައި ބޮޑު މައްސަލައެއްކަމަކު، ދެން އޮތީ ދެމެހެއްޓުމާއި، އަންދާޒާކުރުމާއި، ހަމަހަމަކަން ޤާއިމްކުރުމާއި، ދެފުށް ފެންނަ ގޮތަށް މިކަންކަން ބައިނަލްއަޤްވާމީ އިޤްތިޞާދީ ނިޒާމުގެ ތެރެއަށް އިންޖެކްޓްކުރުމެވެ. ޖީ-20ގެ ރިޔާސަތުން އިންޑިޔާއަށް މި ހުރިހާ ކަމަކަށް ހައްލު ހޯދައިދިނުމުގެ ފުރުޞަތު ވަރަށް ފުރިހަމައަށް ލިބިދެ އެވެ. އިންޑިޔާގެ އިޤްތިޞާދު ކުރިއަރަމުން އަންނަ ވަރަކަށް، އަދި އެ ޤައުމު ދުނިޔެއާ ގުޅިލާމެހިގެންދާ ވަރަކަށް، މި މައްސަލަތައް ހައްލުކުރުމުގައި އެޤައުމުގެ ޙިއްޞާވެސް އިތުރުވެގެންދާނެ އެވެ. "ވަން އާތު، ވަން ފެމިލީ، ވަން ފިއުޗާ" ގެ ނަމުގައި ބޮޑުވަޒީރު މޯދީ ގޮވާލެއްވި ގޮވާލެއްވުމަކީ ހާލަތާއި ވަރަށް ބައްދަލު ޝިއާރެކެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގުގުމަމުން އަންނަ މެސެޖެކެވެ.

ހުޅަނގުގެ ގައުމުތަކާ އެކު އިންޑިއާ އޮންނަ ގުޅުން ރަޝިޔާ އާއި ޗައިނާއަށް އެނގޭ ފަދައިން ރަޝިއާއާ އިންޑިއާގެ ގުޅުމަކީ ހުރިހާ ފަރާތަކަށް ވެސް އެނގޭ ގުޅުމެކެވެ. ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިންޑިއާއިން އެޅި ހުރިހާ ފިޔަވަޅަކާއި މަސައްކަތްތަކަށް މަރުހަބާ ކިޔެ އެވެ. އެހެނަސް، ހަނގުރާމައިގެ ބައިވެރިންގެ މެދުގައި ހިނގަމުންދާ ބާރުގެ ޑައިނަމިކްސްއާއި، ޤައުމު ހަރުދަނާކުރުމަށް އޮތް ފުރުސަތުތަކާއި މެދު އިންޑިޔާއިން ވަރަށް ބޮޑަށް ވިސްނެ އެވެ. އެހެންކަމުން އެހީތެރިކަމުގެ ދައުރެއް އަދާކުރި ނަމަވެސް، މީޑިއޭޝަން ނުވަތަ ޑިސްޕިއުޓް ސެޓްލްމަންޓުގައި އެ އިންޑިއާގެ އަމިއްލަ ސިޔާސީ ކެޕިޓަލް ގެއްލިގެން ދިޔުމުގެ ފުރުސަތު ދޭނެ ކަމަކަށް ނުބެލެވެ އެވެ.

އިންޑިޔާއިން ކުރާނެ ކަމަށް ބެލެވިދާނެކަމަކީ ދުނިޔޭގެ ނިޒާމެއް ބައްޓަންކޮށް، ބައިނަލްއަޤްވާމީ މުވައްސަސާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއެރުމަށް މަގުފަހިކޮށްދޭ، އަދި ބަދަލުތަކަށް ތަރުތީބުވުމަށް އެހީތެރިވެދޭ މާހައުލެއް އުފައްދައި ދިނުމުގައި އެ ޤައުމުގެ ހިއްސާ ފުޅާކުރުމެވެ. 1.4 ބިލިއަން މީހުންގެ ދިރިއުޅުން ބަދަލުކުރުމަށް އިންޑިއާއިން ކުރަމުން އަންނަ މައިގަނޑު މަސައްކަތަށް ތާއީދުކުރާ ގޮތަށް ޖީ20 ކުރިއަށް ގެންދިއުމަކީ އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމެކެވެ. މިއީ ބައިނަލްއަޤަވާމީ ގޮތުން ކޮށްދެވޭ ހެޔޮކަމަކަށްވެގެންދާނެ އެވެ. އަދި 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ޖީ-20 ސަމިޓަށް 15 އަހަރު ފަހުން އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ދުނިޔޭގެ ކުރިއެރުމުގެ ދެން އޮތް ޑްރައިވަރުގެ ގޮތުގައި ބެލެވޭ އިންޑިއާއަށެވެ. ޙާއްސަކޮށް ޗައިނާ، އެމެރިކާ އަދި ޔޫރަޕް ފަދަ ޒަމާންވީ ކުރިއެރުމުގެ މަރުކަޒުތައް ހީނަރުވެ، ނުވަތަ އެއަށްވުރެ ގޯސްވެފައިވާ ދަނޑިވަޅެއްގައި މިއީ ވަރަށް ޙާއްސަ މަގާމެކެވެ.

މީގެ އިތުރުން މުއްސަނދިންނާއި ދުނިޔޭގެ ދެކުނާއި ގުޅުވައިދޭ ފާލަމެއްގެ ދައުރު އިންޑިއާ އިން އަދާކުރާނީ "ޕޮލިމިކަލް" ވުމެއް ނެތި އެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުން ބޭނުންވަނީ އެބައެއްގެ އަޑު އަހައި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމަށެވެ. މިގޮތުން، އ.ދ.ގެ އިތުރުން ބައިނަލްއަޤްވާމީ މުއައްސަސާތައް މާނަހުރި އިޞްލާޙުތަކެއް ގެނައުމުގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާނީ އިންޑިޔާއިން ކަމަށް ބެލެވިދާނެ އެވެ. ތަރައްޤީވަމުން އަންނަ އެހެން ބޮޑު ޤައުމަކުން ރިޔާސަތު ވާރުތަވުމުގެ ނަސީބު އިންޑިޔާއަށް ވަނީ ލިބި އެފަދަ އެހެން ޤައުމަކަށް ރިޔާސަތު ހަވާލުކުރުމުގެ ނަސީބު އިންޑިއާއަށް އެބަވެ އެވެ. އިންޑޮނޭޝިއާ، އިންޑިއާ އަދި ބްރެޒިލް ފަދަ ޤައުމުތައް ހިމެނޭ މިހާރުގެ ޖީ20 ޓްރޮއިކާ އަކީ "ގްލޯބަލް ސައުތު" ތަމްސީލުކުރާ ބާރުގަދަ ޖަމާއަތެކެވެ. ހަގީގަތުގައި 2025 ވަނަ އަހަރު ދެކުނު އެފްރިކާއިން ދެކުނުގެ ނަޒަރު އިތުރަށް ތަންފީޒުކުރާނެ ކަމުގައި ބެލެވެ އެވެ. އެގޮތުން އެ ދާއިރާތަކުގެ ތެރޭގައި މައިގަނޑުކޮށް ކްލައިމެޓް ފައިނޭންސް، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ޞިއްޙަތާއި، ހަކަތައާއި، ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އާއި، ދަރަނި މެނޭޖްކުރުން ފަދަ އެތައް ކަމެއް ހިމެނެ އެވެ.

ޗައިނާގެ ފަރާތުން އަންނަ ގޮންޖެހުންތަކާއި ކުރިމަތިލުން

ބައިނަލްއަޤްވާމީ އިޤްތިޞާދީ، މާލީ އަދި ޓެކްނޮލޮޖީގެ ނިޒާމުގެ މައްޗަށް އޮތް ހުޅަނގުގެ ބާރާއި ޔޫކްރެއިންގެ މައްސަލައަށް ބަލާއިރު، ޖީ20ގެ ތެރެއިން ދުނިޔޭގެ ބާރުގެ ބެލެންސަށް އަންނަ ބަދަލުގެ ސަބަބުން ޗައިނާއަށް ފައިދާ ވާނެހެން ކުރާ އަސަރުތަކަށް ވެސް ސަމާލުކަން ދިނުން މުހިންމެވެ. ޖީ-20 އާ އެކު ނުވަތަ ނުލައިވިޔަސް، ޗައިނާ މެނޭޖް ކުރުމަކީ އިންޑިއާއަށް އޮތް އެންމެ މުހިންމު ސްޓްރެޓެޖިކް ގޮންޖެހުމެވެ. އިންޑިޔާގެ ރިޔާސަތުގައި އިންޑިޔާއިން މިކަމުގައި އެއްވެސް ކަންބޮޑުވާނެ ފިޔަވަޅެއް އަޅާނެ ކަމަށް ނުބެލެވޭއިރު، ސަޕްލައި ޗެއިންތައް ޑައިވާސިފައިކޮށް، ބޭރުގެ އިންވެސްޓްމަންޓްތަކާއި ޓެކްނޮލޮޖީ އިންޑިޔާއަށް ގެނައުމުގެ އަޒުމް ކަނޑައެޅުމަކީ އިންޑިއާގެ އިޤްތިޞާދީ ސިޔާސަތުގެ މައިގަނޑު ސިފައަކަށް ވެގެންދާނެ އެވެ. ޗައިނާ ދުރުކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އިންޑިއާގެ ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކަށް އެކަން އެނގެ އެވެ. އެހެންނަމަވެސް އިންޑިއާއަށް ޗައިނާއަށް އެޤައުމުގެ އުފެއްދުންތެރިކަން ނުވަތަ އެކްސްޕޯޓްގެ ވަޒީފާތައް އައުޓްސޯސް ކުރުމަށް ބާރުއެޅުމުގެ ފުރުޞަތެއް ނޯންނާނެ އެވެ. އޭގެ ބަދަލުގައި ސްޓްރެޓެޖީއަކަށް ވާނީ އޯލްޓަނޭޓިވް ފެކްޓްރީއެއްގެ ގޮތުގައި އިންޑިއާ އިޝްތިހާރުކުރުމާއި މާކެޓާއި ޓެކްނޮލޮޖީ އަދި ސާވިސް ގްލޯބަލް ހަބެއްގެ ގޮތުގައި ދައްކާދިނުމެވެ. މިއީ ފަސޭހަކަމެއް ނޫން، އެކަމަކު އެމަގުން އިންޑިޔާވަނީ އެމަގަށް މަގުފަހިވެގެންދާނެފަދަ ބައެއް އުކުޅުތައް ބޭނުންކޮށްފައި އެވެ. އެހެންނަމަވެސް ޗައިނާ އިން އަމަލުކުރާ ގޮތުގެ މައްޗަށް ވެސް ގިނަ ކަންތައްތަކެއް ބަރޯސާވާނެ އެވެ. އެއީ އިންޑިޔާއަކީ ހަމަހަމަ ބައިވެރިއެއްގެ ގޮތުގައި ދެކުން ނޫނީ އެމެރިކާގެ ނަޒަރިއްޔާއިން އިންޑިޔާއާއި މެދު ދެކުމެވެ. ފަހުގެ ގޮތް އިޚްތިޔާރުކޮށްފިނަމަ ނިމިގެންދާނީ އަމިއްލަ ފުދުންތެރިކަން ފަހިކޮށްދޭނެ މަގަކަށެވެ. ޗައިނާއަށް ވިސްނޭނެ އެވެ. ޔޫކްރެއިން މައްސަލާގައި ހުޅަނގުގެ ވަރުގަދަ ޕްރެޝަރާ ދެކޮޅަށް އިންޑިއާއަށް ތެދުވެވިއްޖެނަމަ ، ޗައިނާގެ ޕްރެޝަރަށް ކެތްކުރަން ވަރަށް ފަސޭހަކަމަކަށްވެގެންދާނެ އެވެ. މިއީ އޭޝިއާގެ އެކުވެރި ޤައުމަކަށް، ޢަމަލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއަށް ލިބޭ ފުރުސަތެކެވެ.

ޓެރަރިޒަމަށް ފައިނޭންސްކުރުން

ޓެރަރިޒަމްގެ މައުޟޫއަކީ އާންމުކޮށް ޖީ20 އެޖެންޑާގައި ހިމެނޭ މައުޟޫއެއް ނޫނެވެ. ނަމަވެސް ޓެރަރިޒަމްގެ ނުރައްކަލަކީ އިންޑިއާއަށް އޮތް ހަޤީޤަތެކެވެ. ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ސުލްޙައާއި ސަލާމަތަށް ހުރި ނުރައްކާތަކާ ގުޅޭ ގޮތުން 2021 ވަނަ އަހަރު އިންޑިއާއިން ވަނީ އދގެ ސަލާމަތީ މަޖިލީހަށް 8 ނުކުތާގެ މައްޗައް ބިނާކޮށް ޕްލޭނެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެފްއޭޓީއެފް ހަރުދަނާކުރުންވެސް ހިމެނެ އެވެ. ޖީ-20ގެ މިހާރުގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން ޓެރަރިޒަމްގެ ލޭ ހިނގާ ސަބަބުކަމަށްވާ ޓެރަރިޒަމަށް ފައިސާ ފޯރުކޮށްދޭ މައްސަލަ އިންޑިއާއިން ފާހަގަކޮށް، އެކަން ހައްލުކުރުމުގެ އެއްބަސްވުމެއް އެކުލަވާލާނެ ކަމަށް ބެލެވެ އެވެ. އަދި އެމަގުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިއަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއިން ވަނީ ޔޫއެންއެސްސީގެ ކައުންޓަރ ޓެރަރިޒަމް ކޮމިޓީގެ ހާއްސަ ބައްދަލުވުމެއް މުމްބާއީ އާއި ދިއްލީގައި ބާއްވައިފަ އެވެ. އަދި މިދިޔަ ނޮވެމްބަރު މަހު އިންޑިއާއިން ކައުންޓަރ ޓެރަރިޒަމް ފައިނޭންސިން އާ ދެކޮޅަށް “ނޯ މަނީ ފޯ ޓެރަރިޒަމް" ގެ ނަމުގައި މިނިސްޓީރިއަލް ކޮންފަރެންސްއެއް ވަނީ ބާއްވައިފަ އެވެ.

ޔުނިފޯމް، ޔުނިފައިޑް އަދި ޒީރޯ ޓޮލަރެންސް އަށް ބިނާކޮށް ޓެރަރިޒަމް ހައްލުކުރެވިދާނެ ކަމަށް ދެކުމުގެ އިތުރުން ފައިނޭންސް ޓެކްނޮލޮޖީތަކާ މެދު ހަމައެފަދައިން ވިސްނަން ޖެހެ އެވެ. ދާދި ފަހުން ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރަމަން ވިދާޅުވެފައިވަނީ ޓެރަރިޒަމަށް ފަންޑު ކުރުން ހުއްޓުވުމަށް ކްރިޕްޓޯ އެސެޓްތަކުގެ ބައިނަލްއަޤުވާމީ ރެގިއުލޭޝަނަށް އިންޑިއާއިން ބާރު އަޅާނެ ކަމަށާއި ޓެރަރިޒަމަށް ފަންޑު ކުރުމަށް އެ އެސެޓްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަޤުވާމީ ޤަވާއިދެއް ހަދަން ޖެހޭކަމަށެވެ.

ޖީ-20ގައި އިންޑިއާގެ ފާހަގަޖެހިގެންދިއުން

އެއް އަހަރަކީ ދުނިޔެ ބަދަލުކުރަން ލިބޭ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އެހެންނަމަވެސް، މާޒީން ބާރުލިބިގެން، އެޤައުމުގެ ތަހުޒީބީ އަޚްލާޤަށް ތެދުވެރިވެ، ދުނިޔޭގެ މައްސަލަތަކަށް ޙައްލު ހޯދުމުގެ އިޚްލާޞްތެރިކަމާއެކީ، ޖީ-20 ގެ ކުރިއެރުމާ ބެހޭ ގޮތުން އިންޑިޔާގެ ފާހަގަ ޖަހާލުމަށް އިންޑިޔާއަށް ވަނީ ވަރަށް ރަނގަޅަށް ފުރުޞަތު ލިބިފަ އެވެ. އިންޑިޔާއަށް އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ބޮޑު ބަދަލެއް އަންނާނެ އެވެ. އަދި ދުނިޔޭގެ މައިދާނުގައި އެ ޤައުމުގެ ބުރަދަން އިތުރުވެގެންދާނެ އެވެ. މިކަމަށްޓަކައި ޙަޤީޤީ ބުރަ މަސައްކަތް އޮތީ އިންޑިޔާގެ ތެރޭގައި – އެޤައުމުގެ ސްޓޭޓްތަކުގެ ތެރެއިންނެވެ. އެއީ އިންސާނީ ވަޞީލަތް ޤާއިމްކޮށް ޑިމޮކްރަސީގެ އަސާސްތަކުގައި ދެމިތިބުމުގެ ޢަޒުމް ކަނޑައެޅުމާއި ޤާނޫނާއި ޤަވައިދު ނެގެހެއްޓުމުގެ ތެރޭގައި އެވެ. 2008 ވަނަ އަހަރު ވިޔަސް، 2022 ވަނަ އަހަރު ވިޔަސް، ބޭރުގެ ގޮންޖެހުންތަކުން ސަލާމަތްވެ، އިޤްތިސާދާއި، ސިޔާސީ ނިޒާމާއި، މުޖުތަމައުގެ ހަރުދަނާކަން ސާބިތުކޮށްދިނުމުގައި އިންޑިއާ ވަނީ ކާމިޔާބު ހޯދާފަ އެވެ. އެހެންކަމުން މިއީ 2023 ވަނަ އަހަރުގެ ފަހުން ދެމިއޮންނާނެ ކަމެއް ކަމަށް އެކަށީގެންވުން ޤަބޫލުކުރެވެ އެވެ.