އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑުން ކުރި ހޯދައިފި އެވެ.
ރޭގެ މެޗުގައި ޔުނައިޓެޑަށް މި ސީޒަނުގައި އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން ގޯލްކީޕަރު އަންދްރޭ އޮނާނާ އާއި މޭސަން މައުންޓް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. ޔުނައިޓެޑަށް ދެން ގެނައި ޑެންމާކުގެ ޒުވާން ފޯވާޑް ރަސްމުސް ހޮއިލުންޑް މިވަގުތު ހުރީ އަނިޔާގަ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ވުލްވްސް އިން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ޕަބްލޯ ސަރާބިއާ އާއި މެތިއަސް ކޫންޔާ ފޮނުވާލި ހަމަލާތައް ދިޔައީ ޔުނައިޓެޑްގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ރަފޭލް ވަރާން އެވެ. ވުލްވްސްގެ ޕެނަލްޓީއޭރިއާ ތެރެއިން ވެންބިސާކާ ބޮލުން ދިން ޕާހަކުން ވަރާން މި ގޯލު ކާމިޔާބު ކުރީ ވުލްވްސްގެ ގޯލު ކުރިމަތީ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ ފަހު 10 މިނެޓްތެރޭ ވުލްވްސް އިން ނަތީޖާ އެއްވަރުކުރަން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ވުލްވްސް އިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި އޮނާނާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ވުލްވްސްގެ ކަލަޑިޗަށް އޮނާނާ ފައުލްކުރި ކަމަށް ބުނެ ވުލްވްސް އިން ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް ވީއޭއާރުން ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމައިފަ އެވެ.
ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާ އެވެ. ވުލްވްސް ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.