Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

އާމިރު ދަރިފުޅަށް ފިލްމެއް ޕްރޮޑިއުސްކުރަނީ

ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ ދެކެވޭތާ އެތައް ދުވަހެއްވެއްޖެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނަގެ ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދަން ފަށާފައި އޮތް ޕީރިއަޑް ފިލްމު "މަހާރާޖާ" އެވެ.

މީގެ މަސައްކަތް ފެށީ 2020 ގަ އެވެ. ނަމަވެސް ދާދި ފަހުން ބައެއް ރިޕޯޓްތައް ބުނާ ގޮތުން "މަހާރާޖާ" ގެ މަސައްކަތް މިހާރު އޮތީ އެ ފިލްމުގެ މަސައްކަތް ދެން ކުރިއަށް ނުގެންދާ ގޮތަށް ހުއްޓާލައިފަ އެވެ. އެކަމަކު މިއާ ބެހޭ އެއްވެސް ވާހަކައެއް ވައިއާރްއެފުން މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.

ޚަބަރުތައް މިހާރު ބުނާ ގޮތުން އާމިރު އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ފިލްމަކަށް ޖުނައިދު މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި ޖުނައިދު އިންޝުއަރެންސް އޮފިސަރެއްގެ ރޯލުން ފެންނާނެ މި ފިލްމަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ.

އެ ނޫހުން ބުނި ގޮތުގައި މީގެ ޑައިރެކްޓަރަކީ އާމިރުގެ ފިލްމުތައް ކަމަށްވާ "ލާލް ސިންގް ޗައްޑާ" އާއި "ރަންގް ދެ ބަސަންތީ" އާއި "ތާރޭ ޒަމީން ޕަރު" ފަދަ ފިލްމުތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ސުނިލް ޕާންޑޭ އެވެ. އޭނަ އާމިރުގެ ކުންފުންޏަށް "ޕްރިތަމް ޕިޔާރޭ" ކިޔާ ފިލްމެއް ވެސް މިދިޔަ އަހަރު ހަދާފައިވެ އެވެ. މީގެ ރޯލެއް ޖުނައިދު ކުޅޭ ވާހަކަ ވެސް މިދިޔަ އަހަރު ދެކެވުނެވެ.

ޕިންކްވިލާ އިން ބުނީ ޖުނައިދާ އެކީ ސުނިލް ހަދަން ނިންމާފައިވާ ފިލްމަށް މިހާރު ބަތަލާ އަކު ވެސް ހޯދަމުން އަންނަ ކަމަށާއި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ޖުނައިދު، 30، އަކީ އާމިރު ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އޭނަގެ ދެން ތިބެނީ އިރާ ޚާން، 26، އާއި އާޒާދު ރާއޯ ޚާން، 12، އެވެ.