Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"ފައިޓާ" ގެ ފަސްޓްލުކް ދައްކާލައިފި

މިއަދު ފާހަގަކުރަމުން އަންނަ އިންޑިއާގެ 76 ވަނަ މިނިވަން ދުވަހާ ގުޅުވައި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ފައިޓާ" ގެ ފަސްޓްލުކް ދައްކާލައިފި އެވެ.

އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ފަސްޓްލުކް ދައްކައިލީ މީގެ މައިގަނޑި ތިން ތަރިން ފިލްމުން ފެންނާނެ ގޮތުގެ މޯޝަން ޕޯސްޓަރާ އެކީގަ އެވެ. މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާނާއި ދީޕިކާގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކުރާ "ފައިޓާ" ގައި ރިތިކާއި ދީޕިކާއާ އެކީ ދެން އެންމެ މުހިއްމު ރޯލެއް ކުޅެނީ އަނިލް ކަޕޫރެވެ.

މި ތަރިން ފިލްމުގައި ފެންނާނީ އަސްކަރީ ޕައިލެޓުންގެ ރޯލުތަކުންނެވެ.

އޭރިއަލް އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ފައިޓާ" ގެ ކާސްޓްގައި ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އާއި އަކްޝޭ އޮބެރޯއީ އާއި ސަންޖީދާ ޝެއިހްގެ އިތުރުން ތަލަތު އަޒީޒު ހިމެނެ އެވެ.

"ފައިޓާ" ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ފާހަގަކުރާ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހު އެވެ. ޖުމްލަ 250 ކްރޯޑް ރުޕީސް 30.03 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ މި ފިލްމަކީ ރިތިކާއި ދީޕިކާގެ ޖޯޑު ބޮޑު ސްކްރީނު ފެންނާނެ ފުރަތަމަ ފިލްމެވެ.