ހއ. ކެލާގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް މުޒާހަރާ ކުރަންތިބި އެމްޑީޕީ ސަޕޯޓަރުންނާ ގާތަށްގޮސް އެބޭފުޅުންނާ މުއިއްޒު ސަލާމް ކުރައްވައިފިއެވެ.
ރިޔާސި އިންތިހާބުގެ ކެމްޕޭނަށް ކެންޑިޑޭޓުން ރަށްރަަށަށް ދަތުރުކުރާއިރު އެ ބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުން މަރުހަބާ ކިޔުމަށް ނިކުންނައިރު، ވާދަވެރި ޕާޓީތަކަށް ތާއީދުކުރާ ސަޕޯޓަރުން އިހުތިޖާޖަށް ނިކުންނަ މަންޒަރުވެސް ފެނެއެވެ.
އެގޮތުން މުއިއްޒު މިއަދު ކެލާއަށް ވަޑައިގަތްއިރު ވެރިކަންކުރާ އެމްޑީޕީގެ ސަޕޯޓަރުން ތިބީ އިހުތިޖާޖުގައެވެ. މުއިއްޒު ވަނީ ސަޕޯޓަރުންނާ ސަލާމް ކުރެއްވުމަށްފަހު މުޒާހަރާގައި ތިއްބެވި ފަރާތްތަކުގެ ކައިރިއަށްގޮސް އެ ފަރާތްތަކާ ސަލާމް ކުރައްވާފައެވެ.
އިދިކޮޅު ފަރާތްތަކުން މީގެކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭނަށް ރަށްރަށަށް ވަޑައިގަންނަވާއިރު ރަޔަޓް ފުލުހުން އަރުވާ އިހުތިޖާޖް ކުރާ ފަރާތްތައް ފަހަތައްޖައްސާ ހައްޔަރުކުރާތި އެކަމުގެ ކަންބޮޑުވުންފާޅު ކޮށްފައެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސި އިންތިހާބުގެ ކެމްޕޭން ފޯރީގައި ކުރިއަށްދާއިރު މުއިއްޒު އަންނަނީ ހއ. އަދި ހދ. ގެ ރަށްތަކަށް ކެމްޕޭން ދަތުރުތައް ކުރައްވަމުންނެވެ. މީގެއިތުރުން އޮގަސްޓް 17 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ވ. މ. ފ. އަދި ދ. އަތޮޅުގެ ރަށްތަކަށްވެސް މުއިއްޒު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.