ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ރައީސް އަބްދުﷲ ޔާމީނަށް ވަފާތެރިވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ. ކެލާއަށް ވަޑައިގެން އެރަށުގައި ތިބި ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި އިންތިހާބަށް ނިކުންނަ ކެންޑިޑޭޓަކު ވާ ވައުދަކީ ފުއްދާނެ ވައުދެއް ކަމަށާއި ޕީޕީއެމް ޕީއެންސީއަކީ ވައުދުވާ ވައުދުފުއްދާ ޕާޓީއެއް ކަމަށެވެ. ވައުދެއްވާނީ އެ ވައުދެއް ފުއްދޭނެ މަގު ފަހިކޮށްފައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ހަމަ ރަށަކަށް އަރާފަ ރައްޔިތުންގެ ސަޕޯޓް އޮތްވަރު ފެނުނީމަ، ޕޯޑިއަމްގައި ހުއްޓިފަ ހިތަށްއެރިހާ ވައުދެއް ވަމުންނެއް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓެއް ނުދާނެ. ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން ހަމައިގަ ތިއްބަވާނީ. އެމީހުން ދުނިޔެ ރަންވެގެންނެއް ތެޅިއެއް ނުގަންނާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ބައެއް ބޭފުޅުންގެ ތާއީދު ރާއްޖޭގެ އެކި ހިސާބުތަކުގައި ނެތުމުން ތާއީދު ހޯދުމަށް ބޭނުންކުރާ ވަސީލަތަކަށް ރައީސް އަބްދުﷲ ޔާމީން ހަދަމުންދާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލަށްލީ ކޮންބައެއްކަން ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށެވެ. މިއަދު ބައެއް ބޭފުޅުން ސިޔާސީ ގޮތުން އަރާނެ ގޮޅިއެއް ނެތުމުން ރައީސް ޔާމީންގެ ނަން ބޭނުންކުރައްވައިގެން ތާއީދުހޯދަން މަސައްކަތް ކުރިނަމަވެސް އެކަން ނުވާނެ ކަމަށެވެ. ރައީސް ޔާމީންގެ ނަން ބޭނުންކޮށްގެން ސިޔާސީ ބޭފުޅުން ހާސިލުކުރަން ބޭނުންވަނީ ކޮން ކަމެއްކަން ރައްޔިތުންނަށް އެނގޭކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ރައީސް ޔާމީން ޖަލަށް ލައިގެން އުޅެނީ 2018 ގައި ވެރިކަމަށްއައި ބޮޑު ކޯލިޝަނުން ކަމަށާއި، އެ ކޯލިޝަންގެ ކޮންމެ ލީޑަރަކީ ރައީސް ޔާމީން ޖަލަށް ލުމުގެ ބައިވެރިއެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައިސް ޔާމީން ޖަލަށް ލާފައިވަނީ އަނިޔާވެރިވުމުގެ ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.
ކުށެއް ކުރުމުން ޖަލަށް ލުމަކީ އަނިޔާވެރިވުން ނޫން ކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގައި ކަންކަން ކޮށްފައިވަނީ އިންސާފުވެރިކަމާއެކު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ދެން އަންނަ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައިވެސް ކަންކުރާނީ ޤާނޫނީ އިމުގެ ތެރެއިން އިންސާފުވެރިކަމާއެކު ކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރައީސް ނަޝީދު ބާކީވި ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އަދި އެކަން ކެންޑިޑޭޓް މުއިއްޒުއާ މި ހާލަތާ ގުޅުވާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
"ޑރ. މުއިއްޒެއް ނުވާނެ އިބްރާހިމް މުހައްމަދު ސޯލިހަކަށެއް. ޑރ. މުއިއްޒު އަބަދުވެސް ރައީސް ޔާމީނަށް ވަފާތެރިވާނެ، އިހުލާސްތެރިވާނެ. ޑރ. މުއިއްޒާ ރައީސް ޔާމީނާ ދެބޭފުޅުން ވަޑައިގަންނަވާނީ މަޝްވަރާ ކުރައްވައިގެން އެކީގައި ކުރިއަށް." އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ މި އިންތިހާބު ނިންމަންވާނީ އެއްބުރުން ކަމަށެވެ. އަދި އިންޑިއާގެ އަޅުވެތިކަމަށް ނުގޮސް މިނިވަން ގައުމެއްގެ ގޮތުގައި އޮންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.