މާލެ ރައްޔިތުންނަށް ބިން ދިނުމަށް ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރު ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު 11:00 ޖެހިއިރު ގަލޮޅު ދަނޑުގައި މި މަސައްކަތް ފަށާފައިވާއިރު، ގޯތީގެ ގުރުލުމަށް ހާޒިރުވާން ޖެހޭ ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެއެވެ. އަދި ކޮންމެ ގޯއްޗެއްގެ ގުރުލުމަށްވެސް ހާޒިރުވެވޭނީ އެކަކަށް ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ގޯތި ލިބޭ ފަރާތައް ހާޒިރު ނުވެވޭ ނަމަ، ބަދަލުގައި ހާޒިރުވާނެ ފަރާތެއްގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރަން ޖެހެއެވެ. އަދި އެވަގުތައް އެފަރާތެއް ހާޒިރު ނުވެއްޖެ ނަމަ، މިނިސްޓްރީގެ ފަރާތުން ގުރު ނަގާނެ އެވެ.
ބިން ވެރިޔާ ސްކީމުގެ ދަށުން މިއަދާއި މާދަމާ ގުރު ނެގުން އޮންނާނީ ގަލޮޅު ދަނޑުގައެވެ. އަދި އޭގެ ފަހުން ގުރު ނެގުމުގެ ކަންކަން ހެންވޭރު ދަނޑުގައި ކުރިއަށް ގެންދަން ހަމެޖެހިފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބިންވެރިޔާ ސްކީމުގެ ގޯތީގެ ބޮޑު މިނާއި ދޫކުރާ ތަންތަން:
* 1،250 އަކަފޫޓު: 3،551 ގޯތި (ހުޅުމާލެ 250 ގުޅީފަޅު 260 ގިރާވަރު 3041)
* 1،650 އަކަފޫޓު: 2،802 ގޯތި (ހުޅުމާލެ 340 ގުޅީފަޅު 558 ގިރާވަރުފަޅު 1904)
* 2،050 އަކަފޫޓު: 1،547 ގޯތި (ހުޅުމާލެ 370 ގުޅީފަޅު 690 ގިރާވަރުފަޅު 487)
* 2،450 އަކަފޫޓު: 656 ގޯތި (ހުޅުމާލެ 180 ގުޅީފަޅު 476)
* 2،850 އަކަފޫޓު: 254 ގޯތި (ހުޅުމާލެ 100 ގުޅީފަޅު 154)
* 3،250 އަކަފޫޓު: 109 ގޯތި (ހުޅުމާލެ 60 ގުޅީފަޅު 49)
* 3،650 އަކަފޫޓު: 53 ގޯތި (ހުޅުމާލެ 31 ގުޅީފަޅު 22)
* 4،000 އަކަފޫޓު: 29 ގޯތި (ހުޅުމާލެ 20 ގުޅީފަޅު 9)
މީގެ ތެރެއިން، 1250 އަކަފޫޓ،ުގެ 3551 ގޯއްޗަކީ ސިންގަލް އެޕްލިކަންޓުންގެ ގޮތުގައި ހުށަހަޅައިގެން ގޯތި ލިބުނު މީހުންނެވެ. އަދި 1،650 އަކަފޫޓުގެ 2802 ގޯއްޗަކީ ދެ މީހަކު އެކުވެގެން އެޕްލިކޭޝަން ހުށަހެޅި މީހުންނެވެ. ގޯތީގެ ބޮޑުމިން ބަލާފައި ވަނީ އެޕްލިކޭޝަނަށް ޖޮއިންޓުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުުވާ ގޮތަށެވެ. ހަތަރުހާސް އަކަފޫޓުގެ 29 ގޯތި ލިބެނީ މަދުވެގެން އަށް މީހުން އެކުވެގެން އެޕްލިކޭޝަން ހުށަހެޅުމުންނެވެ.
"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ރޭ އިޢުލާންކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބި އިރު، މިހާރު ލިބެން ހުރި 9،003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށެވެ.