މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމަށް އެހީވުމަށް އީޔޫގެ ވަފުދު އަރިހުގައި ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ވަފުދާއިި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ. އީޔޫއިން ހަމަޖެއްސި އޮބްސާވަރުންގެ ޓީމުގެ ކޯ-ޓީމުގެ ޗީފް އޮބްޒަރވަރގެ ގޮތުގައި ހަމަޖައްސަވާފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗެޒް އަމޯރ، އަދި ޓީމު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތީ ރައީސް މަޖިލީހުގެ ރައީސް އަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ.
މި ޒިޔާރާތުގައި މަޝްވަރާ ކުރެވުނު ކަންކަން ހާމަކޮށްފައި ނުވި ނަމަވެސް، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށް ދިނުމުގައި އެހީވުމަށް އީޔޫ ވަފުދުގެ އަރިހުން ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
އީޔޫ ވަފުދުގައި ނަޝީދު މިގޮތަށް އެދިވަޑައިގެންފައިވާއިރު، ނަޝީދު ވަނީ ޕީޕީއެމްގެ ލީޑާޝިޕުން ރައީސް ޔާމީން މިނިވަން ކުރުމަށް އެކަޝީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ޖަލުގައި އޮތުމަށް ބޭނުންވާ ލީޑާޝިޕް ބޭފުޅުން ތިއްބެވި ކަމަށް ނަޝީދު ތުހުމަތު ކުރައްވަފައެވެ.
މީގެ އިތުރުން ދާދި ފަހުން ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ، ޕީޕީއެމުން ޑިމޮކްރެޓްސް އާއި ގުޅެން އެއްބަސްވާތާ ހަފްތާއެއް ތެރޭ ޔާމީން މިނިވަން ކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށްޓަކައި ޚުދު އެމަނިކުފާނުވެސް މަގުމަތީ ހަރަކާތަށް ނިކުތުމަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.
ވ. އާރަށު މައްސަލާގައި ރައީސް ޔާމީން މިވަގުތު ޖަލު ހުކުމެއް ތަންޒީފީޒު ކުރައްވަމުން ގެންދަވާއިރު، ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވާފައެވެ. މިމައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށްދާއިރު ޔާމީންގެ މައްޗަށް ރ. ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.