ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަކީ ޕީއެންސީ އަދި ސަލަފްގެ ކެންޑިޑޭޓް ކަމަށާއި ޕީޕީއެމްގެ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަނުކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ސްޕޯކްސްޕާސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހްގެ ކެމްޕޭން ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަނުކުރާ ކަމަށާއި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނޫންކަމަށެވެ. މާރިޔާ ވިދާޅުވީ މުއިއްޒަކީ "ޕީއެންސީ އަދި ސަލަފްގެ ކެންޑިޑޭޓް" ކަމަށާއި މުއިއްޒަށް ޕީޕީއެމްގެ ކެންޑިޑޭޓުން ވޯޓު ދޭންޖެހޭ ސަބަބެއް ނެތްކަމަށެވެ.
އިދިކޮޅު ކެމްޕޭންގައި އެއްވެސް ރޭވުންތެރިކަމެއް ނެތްކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އެފަރާތްތަކުން ވިއްކަންއޮތް ހަމައެކަނި އެއްޗަކީ ފިތުނަ ކަމަށެވެ.
ހޯނޑެއްދޫގައި ހުރި އެމްޑީޕީގެ ޖަގަހައަށް ރޭގެ ވަގުތެއްގައި ކަޅުތެޔޮޖެހި މައްސަލައިގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީގެ ޖަގަހަތަކަށް ގެއްލުންދޭ މައްސަލަ ރިޕޯޓްކުރާނެ ކަމަށެވެ.
ހޯނޑެއްދޫގައި ހުރި އެމްޑީޕީގެ ޖަގަހައަށް ކަޅުތެޔޮ ޖަހާ ގެއްލުންދީފައިވާއިރު މަޑަވެލީގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާ ބޭއްވުމަށް ހަމަޖެއްސި ހަރުގޭގައިވެސް ވަނީ ރޯކޮށްލާފައެވެ.