ފަސް ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުންފުނިތަކާ ހަވާލުކޮށްފިއެވެ.
އެގޮތުން އދ. މަހިބަދޫ މަގުހެދުމުގެ މަޝްރޫއާއި ރ.މަޑުއްވަރީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ)އެވެ. މީގެއިތުރުން ރ. މާކުރަތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި އއ.މަތިވެރި ބިންހިއްކުމުގެ މަޝްރޫއު ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)އާއެވެ.
އދ. މަހިބަދޫ މަގުހެދުމުގެ މަސައްކަތުގެ ފޭސް2 އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 42.7 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން 2.035 ކިލޯމީޓަރުގެ މަގުގައި ގައު އެތުރުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގު ބައްތިޖެހުން ހިމެނެއެވެ.
ރ. މަޑުއްވަރީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 82.8 މިލިއަން ރުފިޔާއަށެވެ. މިމަޝްރޫއުގެ ދަށުން 3.5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގު ބައްތިޖެހުން ހިމެނެއެވެ.
ރ. މާކުރަތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 12.1 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 317 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 10 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 45 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން އަދި 34 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޤާއިމްކުރުން ހިމެނެއެވެ. މީގެއިތުރުން ރަށުގެ ދެކުނު އަދި ހުޅަނގު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 350 މީޓަރ އާއި 260 މީޓަރގެ ޖިއޯ-ބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މީގެއިތުރުން އއ.މަތިވެރި ބިންހިއްކުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ އުތުރު ފަރާތުން ފެށިގެން ހުޅަނގު އުތުރު ސަރަޙައްދެއް ހިމެނޭހެން 26.5 ހެކްޓަރުގެ ބިން އިތުރުކުރުން ހިމެނެއެވެ. މިމަޝްރޫއަކީ 142.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.