ރާއްޖޭގެ އުމުރުން ދުވަސްވީ ފަރާތްތަކަށް އަޅާލަން ކޮންމެ ގޭބީސީއަކުން އެކަކަށް އެނގެން ޖެހޭ ކަމަށް މިނިސްޓަރ ފޮރ ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ހަސަން މިހެން ވިދާޅުވީ، މޯލްޑިވްސް ޕޮލިޓެކްނިކް އަދި މިނިސްޓްރީ އޮފް ޖެންޑަރ ގުޅިގެން ބޭއްވި ސެޓްފިކެޓް 3 އިން އެލްޑަރލީ ކެއަރ އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މު ޖަލްސާގައި މިނިސްޓަރ ވިދާޅުވީ އެލްޑަރލީ ކެއަރ ޕްރޮގްރާމް މުޅިރާއްޖެއަށް ފުޅާކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އާބާދީ މިހާރު އުމުރުން ދުވަސްވީ މީހުންގެ އާބާދީއަކަށް ބަދަލުވަމުންދާތަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އެހެން ކަމުން ކޮންމެ ގޭބީސީއަކުން އެކަކު އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމުގެ ފުރިހަމަ މައުލޫމާތު އެނގޭ މީހަކަށްވުން މުހިންމު ކަމަށް ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީން އިސްނަގައިން، މޯލްޑިވްސް ޕޮލިޓެކްނިކް އިން ފަރުމާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން ބައިވެރިވެއެވެ. މިނިސްޓަރ ހަސަން ވަނީ މިމުވައްޒަފަކީ އާދަޔާ ޚިލާފަށް ކުލުނުހުރި އިސްރައްވެހިންނާއި ދޭތެރޭ އޯގާތެރި މުވައްޒަފުން ކަމަށާއި، ނަމަވެސް ކަމާއި ގުޅޭ ތައުލީމާއި ހުނަރު ހުރެގެން މަސައްކަތް ކުރުމަކީ ނަތީޖާ އެންމެ ރަނގަޅަށް ނެރޭވޭނެ ކަމެއްގެ ގޮތުގައި ޤަބޫލު ކުރައްވާ ކަމަށެވެ.
ސެޓްފިކެޓް 3 އިން އެލްޑަރލީ ކެއަރގެ ޕްރޮގްރާމަށް އިޝާރަތް ކުރައްވާ މިނިސްޓަރ ވިދާޅުވީ މިޕްރޮގްރާމުގައި ދުވަސްވީ މީހުންނަށް އަޅާލާ އެމީހުންނަށް ކެއަރ ކުރުމުގައި އޮންނަ ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު ހިމަނާފައިވާ ކަމަށާއި "އެތިކަލް ރެސްޕޯންސިބިލިޓީ"ގެ ބައިވެސް ވަރަށް ބޮޑަށް ހިމެނިފައިވާ ކަމަށެވެ. އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމުގައި މުއާމަލާތް ކުރަންވީ ގޮތް ވެސް މި ޕްރޮގްރާމުގެ ތެރޭގައި ހިމެނިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މި ޕްރޮގްރާމުގައި 24 ފަރާތަކުން ބައިވެރިވެއެވެ. ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ހަފްތާގެ މުއްދަތަށެވެ.