އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ފިލްމު "ނީނާ" ގެ ލަވައެއް ޔޫޓިއުބަށް މިއަދު ދޫކޮށްލައިފި އެވެ.
އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ކްރައިމް ޑްރާމާގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދޫކޮށްލި ލަވަ އަކީ "އާ އުންމީދު" އެވެ. މިއީ "ނީނާ" ގެ ލީޑް ދެ ތަރިން ކަމަށްވާ ނުޒުހަތު ޝުއައިބު (ނުޒޫ) އާއު ޝަރަފު އަބްދުﷲގެ ގުޅުން އެތުރިގެން އަންނަ ގޮތް ދައްކުވައިދޭ ލަވައެކެވެ.
ހުސައިން ތައުފީގުގެ މިއުޒިކަށް ލަވަ ކިޔާފައި ވަނީ މަރިޔަމް އަޝްފާ އެވެ. ލަވައިގެ ޅެން ހެދީ އޭނަގެ ފިރިހީމާ އަދި މިއުޒިކީ ފަންނާނު މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އެވެ.
މި އަހަރު އޮލިމްޕަހަށް ގެނައި ފަސް ވަނަ ފިލްމުގެ ގޮތުގައި "ނީނާ" ޕްރީމިއާކުރީ މި މަހުގެ 6 ގަ އެވެ. މި ފިލްމަކީ އިއްލެގެ 2019 ގެ "ބަވަތި" އަށް ފަހު ގެނެސްދިން ދެވަނަ ފީޗާ ފިލްމެވެ.