އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ސަލަފު ޖަމިއްޔާއާ ގުޅިފައިވާ ކެންޑިޑޭޓެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވުމާ ގުޅިގެން ސަލަފް ޖަމިއްޔާ އަށް ނިސްބަތްވާ އަލީ ރަމީޒް ރުޅި ގަދަވެއްޖެ އެވެ.
ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ މާރިޔާ ދެއްކެވި މިއަދު ނޫސް ކޮންފަރެންސެއްގައި ދެއްކެވި ވާހަތަކާ ގުޅުވައި، އަލީ ރަމީޒް ވިދާޅުވީ އޭނަ އަކީ ގައްދާރެއް ކަމަށް ސިފަކުރައްވައިފަ އެވެ.
"ދިފާއީ ވަޒީރުގެ މަގާމުގައި ހުރެ ބޭރު ގައުމެއްގެ ސިފައިން އަރައި ރާއްޖެ ހިފިދާނެ ކަމަށް ބުނެ ގައުމު އަޅުދާސްތުކުރި މީހަކު ތިމަންމެން ރައްޔިތުން ގާތަށް މި އަންނަނީ ރައްޔިތުން އެދޭ ކަންކަމާއިގެންނޭ ބުނަން ލަދު ގަންނަން ޖެހޭނެތޯ؟" އޭނަގެ ޕޯސްޓްގައިވެ އެވެ.
މާރިޔާ މިއަދު ވިދާޅުވީ މުއިއްޒަކީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީ އާއި ސަލަފުގެ ކެންޑިޑޭޓް ކަމަށާއި ޕީޕީއެމަށް ނިސްބަތްވާ ކެންޑިޑޭޓެއް ނެތް ކަމަށެވެ. އެހެންވެ ޕީޕީއެމްގެ މެމްބަރުން އޭނަ އަށް ވޯޓްދޭން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.