Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ލަންދޫ ކައުންސިލަށް ފައިސާ ދައްކަން އެމް-ފައިސާ

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭ ގޮތް ހަދައިފި އެވެ.

އުރީދޫން ބުނީ ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ލަންދޫގެ ރައްޔިތުންނަށް ކޮންމެތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ކައުންސިލަށް ދައްކަން ޖެހޭ ފައިސާ މިހާރު ދައްކާލެވޭނެ ކަމަށެވެ.

އެމް-ފައިސާއަކީ ކޮންމެތާކު، ކޮންމެ ވަގުތެއްގައިވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެއް ކަމަށް އުރީދޫން ބުނެވއެވެ. އެގޮތުން އެމްފައިސާ މެދުވެރިކޮށް ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ބިލް ވެސް ދެއްކޭނެ އެވެ.

ލަންދޫ ކައުންސިލްގެ ރައީސް، އަބްދުލްއަޒީޒު މުހައްމަދު ވިދާޅުވި ގޮތުގައި ރަށު ކައުންސިލުން އަބަދުވެސް އިސްކަން ދެނީ ހިދުމަތްތައް ފަސޭހަކޮށް، ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށެވެ. އެގޮތުން ކައުންސިލުން ނަގަމުންދާ ޕްރީ ސްކޫލް ފީ، ކުނި ފީގެ އިތުރުން އަދިވެސް އެހެނިހެން ފީތައް އެމް-ފައިސާ މެދުވެރިކޮށް ބަލައިގަތުން ހަމަޖެހިގެން ދިއުމަކީ ކައުންސިލަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް ކަމަށް އަބްދުލްއަޒީޒު ވިދާޅުވި އެވެ. އަދި ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަކުރުމުގެ އިތުރުން އެކަމަކީ ލަންދޫ މުޖުތަމައުގައި ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުމުގެ ސަގާފަތެއް ޕްރޮމޯޓްވެގެންދާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ހާލިދް އަލް ހަމާދީ ވިދާޅުވީ އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޑިޖިޓަލް ރާއްޖެއެއް އުފައްދައި، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދި ކުރުމަށް ކުރާ މަސައްކަތާ މި ޕާޓްނަޝިޕް ވަރަށް ބޮޑަށް ގުޅޭ. މި ޕާޓްނަޝިޕާ އެކު އަޅުގަނޑުމެންގެ އަމާޒަކީ ރައްކާތެރިކަމާ އެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމާއި މި ސަރަހައްދުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުން،" ސީއީއޯ ވިދާޅުވި އެވެ.

މި ޕާޓްނަޝިޕް އާއެކު ޑިޖިޓަލް ލުއިފަސޭހަކަން ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން ދޭ އަހައްމިއްޔަތުކަމުގެ އިތުރުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމައެއް ގާއިމުކުރުމަށް ލަންދޫ ކައުންސިލްގެ ވިސްނުންވެސް ރަމްޒުކޮށްދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.