މިހާތަނަށް ކެނެޑާގެ ރަށްވެހިކަން އޮންނާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އައި އިންޑިއާގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު އިންޑިއާގެ ރަށްވެހިކަމަށް ބަދަލުވެއްޖެ އެވެ.
އިއްޔެ ފާހަގަކުރި އެ ގައުމުގެ 76 ވަނަ މިނިވަން ދުވަހާ ގުޅުވައި ރަށްވެހިކަން ބަދަލުކުރިކަމުގެ ލިޔުމުގެ ފޮޓޯއަކާ އެކީ ސޯޝަލް މީޑިއާގައި ބުނީ ހިތާއި ރަށްވެހިކަން ވެސް މިހާރު އޮތީ ސީދާ ހިންދުސްތާންގައި ކަމަށެވެ.
އަކްޝޭ ކެނެޑާގެ ރަށްވެއްސެއްގެ ގޮތުގައި ހުންނާތީ އޭނަ އަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި އިންޑިއާގައި ދިރިއުޅެ، އެ ގައުމުގައި ކާންބޯން މަސައްކަތްކޮށްގެން އާމްދަނީ ހޯދާ އިރު، އެހެން ގައުމެއްގެ ރަށްވެހިކަން އޮތުމަކީ ގައުމަށް ކުރެވޭ ކުޑައިމީސްކަމެކެވެ. އެހެންވެ އަކްޝޭ ރަނގަޅު ވާނީ ގޮސް ކެނެޑާގައި ވަޒަންވެރިވެގެން އެތަނުގައި ހުރުން ކަމަށް ބުނެ މީގެ ކުރިން އެތައް ބަޔަކު އޭނަ އަށް ސޯޝަލް މީޑިއާގައި އެއްޗެހި ކިޔާފައިވެ އެވެ.
ހާއްސަކޮށް އަކްޝޭގެ ފިލްމެއް ނާކާމިޔާބުވެއްޖެ ނަމަ، ރަށްވެހިކަމުގެ މައްސަލަ ގިނަ ބަޔަކު ވަކިން ބޮޑަށް ނަގަ އެވެ. އެގޮތުން މިދިޔަ އަހަރު ރިލީޒްކުރި ވަތަނީ ތާރީހީ ފިލްމު "ސަމްރާޓް ޕްރިތުވީރާޖް" ގައި އަކްޝޭ ދެއްކި އެކްޓިންގެ ފެންވަރު ވަރަށް ދަށްކަމަށާއި އެ ފިލްމު ބެލުންތެރިން ބަލައިނުގަތީ އިންޑިއާ ނޫން މީހަކު، އެ ގައުމުގެ ވަރުގަދަ ޝަހުސިއްޔަތެއްގެ ރޯލު ކުޅެ، އެ ރޯލަށް ހުތުރު އަރުވާފައިވާތީ ކަމަށް ބުނެފައިވެ އެވެ.
ދެ ކުދިންގެ ބައްޕަ އަކްޝޭ، 55، އަށް އަމާޒުވާ މިފަދަ ފާޑުކިޔުންތަކާ ގުޅިގެން އޭނަ އަބަދު ވެސް ބުނަނީ ރަށްވެހިކަން ކޮންމެ ތާކު އޮތަސް އޭނަގެ ހިތާއި ނަފުސު އޮންނާނީ އިންޑިއާގައި ކަމަށާއި އެކަން ބަދަލުނުވާނެ ކަމަށެވެ. އަދި އެންމެ ގިނައިން އިންޑިއާ އަށް ޓެކްސް ދައްކާ އެއް ތަރިއަކީ ވެސް އޭނަ ކަމަށް އަކްޝޭ ހަނދާންކޮށްދެ އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ދެ އަކްޝޭ އަކީ ކުރީގެ ބަތަކާ ޓްވިންކަލް ކަންނާގެ ފިރިމީހާ އެވެ.