Last Updated: July 15, 17:55
Wednesday, July 15, 2026
ކުޅިވަރު

ނޭމާ އަލް ހިލާލަށް ސޮއިކޮށްފި

ކުޅެމުން އައި ފްރާންސްގެ ފީއެސްޖީ ދޫކޮށްލައި ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ ސައުދީ އަރަބިއްޔާގެ މަޝްހޫރު ކުލަބެއް ކަމަށްވާ އަލް ހިލާލު އަށް ސޮއިކޮށްފި އެވެ.

ނޭމާ ހިލާލަށް ސޮއިކުރިކަން އެ ޓީމުން މިހާރު ވަނީ ރަސްމީކޮށް ކަށަވަރު ވެސްކޮށް ދީފަ އެވެ. އަދި އެ ޓީމަށް އޭނަ ސޮއިކުރަން ބޭއްވި ހަފުލާގެ ފޮޓޯ އާއި ވީޑިއޯ ނޭމާ އާއި ހިލާލުގެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.

އޭނަ އެ ޓީމަށް ބަދަލު މިވީ ސައުދީ ލީގަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތައް ވަރަށް ބޮޑަށް މި ދުވަސްކޮޅު ދެކެވެމުން ދަނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުން ނޭމާ އެ ޓީމަށް ސޮއިކުރީ ރެކޯޑް ފީއެއް ކަމަށްވާ 90 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށެވެ.

އޭނަ ހިލާލާ ގުޅުނު އިރު، ޕީއެސްޖީ އަށް ސޮއިކުރީ އޭގެ ކުރިން ކުޅެމުން އައި ބާސެލޯނާ ދޫކޮށްލުމަށް ފަހު އެވެ. އެއީ 2017 ގަ އެވެ. ނޭމާ ވަނީ އެ ޕީއެސްޖީ އަށް ކުޅެދިން 173 މެޗުގައި 118 ގޯލު ކާމިޔާބުކޮށް ދީފަ އެވެ. ނޭމާ ވަނީ މިހާތަނަށް ޕީއެސްޖީއާއެކު ފްރެންޗް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.

ސައުދީ ލީގަށް މިހާރު ކުޅޭ މަޝްހޫރު ތަރިންގެ އަލް ނަސްރު އަށް ކުޅޭ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އަލް އިއްދިހާދަށް ކުޅޭ ކަރީމް ބެންޒެމާގެ އިތުރުން ރޮނާލްޑޯގެ ޓީމަށް ކުޅޭ ސަޑިއޯ މާނޭ އެވެ.