Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ޑޮންގެ ރޯލަށް ރަންވީރު ވަރަށް ފިޓް: ފަރުހާން

"ޑޮން 3" އަށް ރަންވީރު ސިންގް ނެގީ އޭނަ އަކީ އެ ރޯލަށް ވަރަށް ފިޓްވާ އެކްޓަރަކަށްވެފައި އޭނަ އެ ރޯލަށް ވަރަށް މޮޅަށް ދިރުން ގެނެސްދޭނެތީ ކަމަށް ޑައިރެކްޓަރު ފަރުހާން އަޚްތަރު ބުނެފި އެވެ.

އޭނަ ބުނީ އަމިއްލަ ހޮވުމާ މެދު ވަރަށް ހިތްމަޖެހޭ ކަމަށާއި ރަންވީރަކީ އޭނަގެ ހުނަރާ މެދު އެއްވެސް މީހަކު ސުވާލު ވެސް އުފައްދާނެ އެކްޓަރެއް ކަމަށެވެ. އަދި ރަންވީރު ލައްވައި ޑޮން ކެރެކްޓާ ކުޅުވާ އިރު، އެކަމަށް ކުރަން ޖެހޭ މައިގަނޑުގެ މަސްއޫލިއްޔަތަކާއި ޒިންމާ އޮތީ ޑައިރެކްޓަރުގެ ކޮނޑުގައި ކަމަށް ވެސް ފަރުހާން ބުންޏެވެ.

"އަހަންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ވަރަށް މޮޅަށް ރަންވީރު ޑޮން ކެރެކްޓާ އަށް އިންސާފުކޮށްދޭނެކަން. އެ ރޯލަށް ބޭނުންވާ އެންމެ ހާއްސަ އެއް ކޮލިޓީ އަކީ ސެފްފް ކޮންފިޑެންސް. ރަންވީރަކީ އެ ކޮލިޓީ ފުރިހަމަވާ އެކްޓަރެއް." ބީބީސީ އޭޝިއާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުންޏެވެ.

ފަރުހާން ބުނި ގޮތުގައި އަމިތާން ބައްޗަން ކުޅުނު ޑޮން ކެރެކްޓާ ޝާހްރުކް ލައްވައި ކުޅުވަން އުޅުމުން ވެސް ބައެއް މީހުން އެކަމާ ސުވާލު އުފެއްދި ކަމަށެވެ. އެކަމަކު "ޑޮން" ގެ ދެ ފިލްމުން ޝާހްރުކް ޑޮންގެ ގޮތުގައި ބެލުންތެރިންގެ ހިތްތައް ފަތަހަކުރި ކަމަށް ބުންޏެވެ.

އަމީތާބް ކުޅުނު 1978 ގެ "ޑޮން" ގެ ރިމޭކް ޝާހްރުކާ އެކީ ގެނެސްދިނީ 2006 ގަ އެވެ. އޭގެ ދެވަނަ ބައި ރިލީޒްކުރީ 2011 ގަ އެވެ.

"އޭރު ޝާހްރުކާ ގުޅޭ ގޮތުން ގެންގުޅުނު ކަހަލަ ވިސްނުންތަކެއް މި ފަހަރު ރަންވީރު ޑޮން ކުޅޭތީ ވެސް ގެންގުޅެނީ. އަހަންނަށް ޔަގީން ޑޮން ކުޅެގެން އަމީތާބާއި ޝާހްރުކް ހޯދި ލޯބި ރަންވީރު ވެސް ހޯދާނެކަން." ފަރުހާން ބުންޏެވެ.

މި ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި 2025 ގަ އެވެ.

ރަންވީރާ އެކީ "ޑޮން 3" ހަދާ އިރު، ފަރުހާން ވަނީ ރަންވީރާ އެކީ ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ އޭނަގެ ދައްތަ ޒޯޔާ އަޚްތަރުގެ 2015 ގެ "ދިލް ދަޅަކް ނޭ ދޯ" އެވެ. "ޑޮން 3" ކުޅެން ލިބުމާ ގުޅިގެން ރަންވީރު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި އޭނަ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވެފައިވާ ކަމަށް ބުންޏެވެ. އަަދި އަމީތާބާއި ޝާހްރުކް ކުޅުނު ކެރެކްޓާއަކާ ހަލާވުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެ މީހުން އުފާވާ ވަރަށް ޑޮންގެ ކެރެކްޓާ އަށް މަސައްކަތްކުރާނެ ކަމަށް ބުނެފައިވެ އެވެ.

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި، ޑައިރެކްޓަރު ކަރަން ޖޯހަރްގެ ރޮމޭންޓިކް ކޮމެޑީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.

ފަރުހާން "ޑޮން 3" މިދިޔަ ހަފުތާގައި އިއުލާންކުރި ފަރުހާން 2021 ގައި އިއުލާންކުރި ރޯޑް-ޓްރިޕް ފިލްމު "ޖީ ލޭ ޒަރާ" އޮތީ ވާނުވާގަ އެވެ. އަންހެން ތިން އެކުވެރިއެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ތަރިންނަކީ އާލިއާ ބަޓާއި ކެޓްރީނާ ކައިފްގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ކެޓްރީނާ އާއި ޕްރިޔަންކާ ވަނީ ފިލްމުން ވަކިވެފަ އެވެ.

އެކަމަކު މިކަން މިހާތަނަށް ކަށަވަރެއް ނުވެ އެވެ.