Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ފޯޖަރީ މައްސަލައެއްގައި ސްޓެޕް އައްޔަ ހޯދަނީ

ފޯޖަރީގެ މައްސަލައެއްގައި ރާއްޖޭގެ ފިލްމީ ތަރި އަލީ ޝާހިދު ސްޓޕް (އައްޔަ) ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ. އެހެންވެ ހޯދަން އިއުލާންކުރީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ކަމަށް ފުލުހުން ބުންޏެވެ.

އައްޔަ ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވާން ޖެހެނީ މި މަހުގެ 24 ގެ ހެނދުނު 11:30 އަށެވެ.

"ނޯޓީ 40" އާއި "ބައިވެރިޔާ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އައްޔަކީ ޑްރާމާތަކާއި ވީޑިއޯ ލަވަތަކުން ވެސް ފެނިފައިވާ އެކްޓަރެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގައި ސިޔާސީ މަސައްކަތްތަކުގެ ތެރޭގައި ވެސް އޭނަ ހަރަކާތްތެރިވެފައިވެ އެވެ.