ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނަމަވެސް އެކަމުން ޑިމޮކްރެޓްސްއަށް އަސަރެއް ނުކުރާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ސްޕޯކްސްޕާސަން މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދިއިރު އެ ޕާޓީއާ ގުޅިވަޑައިގެންނެވި މެންބަރު ޔާސިރް އަދި މޭޔަރު އާތިފް އެނބުރި އެމްޑީޕީއަށް ރޭގެ ވަގުތެއްގައި ސޮއި ކޮށްފައިވާއިރު ކުޅުދުއްފުށީސިޓީގެ ކައުންސިލަރުންތަކެއް ވެސް އެމްޑީޕީއަށް ސޮއިކޮށްފައިވެއެވެ.
މިއަދު ޑިމޮކްރެޓްސްގެ ކެމްޕޭން ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން އިންތި ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މެންބަރު ޔާސިރް އަދި މޭޔަރު އެނބުރި އެމްޑީޕީއަށް ސޮއިކުރި ސަބަބާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ. އިންތި ޖަވާބު ގައި ވަނީ ސަބަބު އެބޭފުޅުންގެ ކިބައިން ސާފުކުރުމަށް އެދިވަޑައިގެންފައެވެ.
ސުވާލަށް ޖަވާބު ދެއްވަމުން އިންތި އިތުރަށް ވިދާޅުވީ އެ ބޭފުޅުން އެނބުރި އެމްޑީޕީއަށް ގުޅުމުން އެކަމުގެ ބޮޑު އަސަރެއް ޑިމޮކްރެޓްސްއަށް ނުކުރާނެ ކަމަށެވެ. އަދި ކުޅުދުއްފުށީގެ ވޯޓު ޑިމޮކްރެޓްސްއަށް ކަށަވަރު ކުރެވޭނެ ކަމަށާއި، ޑިމޮކްރެޓްސްއަށް ކުޅުދުއްފުށީގެ ގިނަ އާންމުން ސޮއި ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ކުޅުދުއްފުށިން މެޖޯރިޓީ ނަގާނެ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ޑިމޮކްރެޓްސްއާ ގުޅޭ އާންމު މެންބަރުން އެޕާޓީ ދޫކޮށްފައި ނުދާނެ ކަމަށާއި އެ އާންމު މެންބަރުން ޕާޓީއާ ގުޅެނީ ޕާޓީގެ އުސޫލުތަކާއި ފަލްސަފާތައް ގަބޫލުކުރެވިގެން ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރަމުންދާ ދަތުރުގެ ތެރެއިން ޑިމޮކްރެޓްސްއަށް ގިނަ މެންބަރުންތަކެއް ގުޅެމުންދާ ކަމަށާއި ޕާޓީ ވަރުގަދަ ވަމުންދާ ކަމަށެވެ.