Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

އެއިރޯފްލޮޓްގެ ދަތުރުތައް އިތުރު ކުރަނީ

މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރުގެ ކުރީކޮޅު ރާއްޖެ އަށް އަލުން ދަތުރުތައް ފެށި ރަޝިއާގެ ގައުމީ އެއާލައިން، އެއިރޯފްލޮޓްގެ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ މެއި 14 އިން ފެށިގެން އެ އެއާލައިނުން ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ) އަށް ބާއްވަމުން އަންނަނީ ހަފުތާ އަކު ހަތަރު ފްލައިޓެވެ. ނަމަވެސް މިހާރު ނިންމާފައި އަންނަ އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން ހަފުތާކު ހަތް ދަތުރަށް އިތުރުކުރާށެވެ.

އެއިރޯފްލޮޓް އިން ބުނި ގޮތުގައި އޮކްޓޯބަރުގައި އިތުރުކުރާ ތިން ފްލައިޓާ އެކީ އަދަދު ހަތަކަށް އިތުރުކުރުމަށް، ފަހު ނޮވެމްބަރު 1 އިން ފެށިގެން އަނެއްކާ ވެސް ތިން ދަތުރު އިތުކުރާނެ އެވެ. އެއާއެކީ އެ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތައް 10 އަށް އިތުރުވާނެ އެވެ.

މިކަމުގެ ސަބަބުން ރަޝިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާރަށް ވިރެ ބޮޑަށް އިތުރުވާން ފުރުސަތު ފަހިވާނެ އެވެ. އެ ގައުމަކީ މިހާރު ވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ރަޝިއާ އިން ރާއްޖެ އަށް 131,987 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެ އަށް މިހާރު ބޭރުގެ 41 އެއާލައިނެއް އޮޕަރޭޓްކުރެ އެވެ. އޭގެ ތެރޭގައި ރަޝިއާގެ ޗާޓަރު އެއާލައިން އަޒުރު އެއާ ވެސް ހިމެނެ އެވެ.