ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ(ބީސީސީ) ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އައްޑޫސިޓީ ގަން އިން އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅުވައިފިއެވެ.
އޮތެންޓިކް މޯލްޑިވްސްގެ ފިހާރަ ހުޅުވާފައިވަނީ އީއްޔެ ހަވީރު ގަން އެއާޕޯޓުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމީއްޔާތެއްގައެވެ. މި ރަސްމީއްޔާތުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގް ޑިރެކްޓަރ ގައިސް ނަސީރު އާއި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު އަދި ބީސީސީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ގަން އެއާޕޯޓުގެ ޓްރާންސިޓް ލައުންޖުގައި، ހުޅުވި މި އައުޓްލެޓަކީ ރާއްޖޭގެ ދެކުނުގައި އޮތެންޓިކް މޯލްޑިވްސްގެ ފުރަތަމަ އައުޓްލެޓެވެ. މުޅިއެކު 70 އަށް ވުރެ ގިނަ އުފެއްދުންތަކާއިއެކު، މި ފިހާރަ ހުޅުވިގެން ދިޔައިރު މީގެ ސަބަބުން އައްޑޫގެ އިތުރުން ދެކުނުގެ ކުދި ވިޔަފާރިތަކާއި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ފައިދާ ވެގެން ދާނެ ކަމަށް ބިސީސީން ބުނެއެވެ. އަދި ގަން އެއާޕޯޓުގެ ޓްރާންސިޓް ލައުންޖުގައި މި ފިހާރަ ހުޅުވުނު ކަމުގައިވިއަސް، މި ފިހާރައިން ވިޔަފާރި ކުރުމުގެ ފުރުސަތު އާންމުންނަށްވެސް ލިބިގެންދާނެ ކަމަށް ބީސީސީން ބުނެއެވެ.

އޮތެންޓިކް މޯލްޑިވްސްއަކީ، ރާއްޖެއާއި ރައްޖެއިން ބޭރުގެ ބާޒާރުތަކުގައި ދިވެހި އުފެއްދުންތައް އިޝްތިހާރުކޮށް މަގުފަހިކޮށްދިނުމުގެ ގޮތުން، އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު މިނިސްޓްރީގެ ދަށުން ހިންގާ ބީސީސީން ހިންގާ މަޝްރޫޢެކެވެ. މިއީ ސަރުކާރުގެ ނޫ އިޤްތިޞާދުގެ ސިޔާސަތުގެ ދަށުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބާޒާރު ހޯދައިދިނުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތެއް ކަމަށް ބީސީސީން ބުނެއެވެ.
އޮތެންޓިކް މޯލްޑިވްސްއަށް ލިބެމުންދާ ތަރުހީބާއެކު، މާލެ އެއާޕޯޓް ޑިއުޓީ ފްރީގެ އިތުރުން ކުޑަވިލިނގިލި ރިސޯޓު، އަދި ކްރޮސް ރޯޑްގައި ވަނީ ފިހާރަ ހުޅުވާފައެވެ. މީގެ އިތުރުން ޖަޕާންގެ އެކްސްޓާނަލް ޓްރޭޑް ކޯޕަރޭޝަންއާއި ގުޅިގެން ކަންސާއީ އަދި ނަރީތާ އެއާޕޯޓުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ އިންތިޒާމު ވަނީ ހަމެޖެހިފައެވެ.

ބީސީސީގެ ދަށުން ފުރަތަމަ ފިހާރަ 2020 ވަނަ އަހަރު ވެލާނާ އެއާޕޯޓުގެ ޑިއުޓީ ފްރީގައި ހުޅުވުނު އިރު، މިހާތަނަށް 57 ސަޕްލަޔަރުންނާއެކު، 250 އަށް ވުރެ ގިނަ އުފެއްދުންތައް ވިއްކަމުންދެއެވެ. އަދި ޖުލައި 2023 ގެ ނިޔަލަށް ޖުމްލަ 53 މިލިއަނަަށް ވުރެ ގިނަ ރުފިޔާ ދިވެހި އުފެއްދުންތެރިން ވަނީ ދެވިފައި ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.